ޚަބަރު

އެމްސީއެސް އިން ހުޅުމާލޭގައި ގަސް އިންދުމުގެ ރެކޯޑެއް ހަދަނީ


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އާއި ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއްފަހަރާ އެންމެ ގިނަ ގަސްއިންދުމުގެ ރެކޯރޑު ހެދުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން ހާމަކޮށްފިއެވެ.މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިސްނަގައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދު ފެހިކުރުމުގެ ގޮތުން އެޗް.ޑީ.ސީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.މި ޙަރަކާތުގައި  13،000 އަށްވުރެ ގިނަ ގަސް އިންދުމަށް ހަމަޖެހިފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރެއެވެ.މިއީ މިހާތަނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއްފަހަރާ އެންމެ ގިނަގަސް އިންދޭފަހަރުކަން ފާހަގަކޮށްލެވެއެވެ.މި މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ގަސް އިންދުމަށް ޝައުގުވެރިވާ ކްލަބް، ޖަމްޢިއްޔާތަކަށާއި އާންމުފަރުދުންނަށް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއެވެ.މި ހަރަކާތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތައް ހޯދާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށްގެންކަމަށްވެސް އެމް.ސީ.އެސްއިން މައުލޫމާތުދެއެވެ. އަދި މި ގަސްތައް އިންދުމަށްޓަކާ ވަޅުކޮނުމުގެ މަސައްކަތް އެމް.ސީ.އެސްއިން މިއަދުވަނީ ފަށާފައެވެ.މިދިޔަ އޯގަސްޓްމަހު ފިޝަރީޒް މިނިސްޓްރީންވެސް ވަނީ މި ސަރަޙައްދުގައި ދެހާހަށްވުރެ ގިނަ ގަސް އިންދާފައެވެ.ހުޅުމާލޭގައި އަލަށް ހިއްކި ބިމަކީ 245 ހެކްޓަރުގެ ބިމެކެވެ. މި ބިން ފެހިކުރުމުގެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވީ މިއަހަރުގެ އެޕްރީލް މަހުގައެވެ.ރައީސް ފައްޓަވައި ދެއްވި މަޝްރޫއުގެ ދަށުން، ސަރުކާރުގެ މުއައްސަސާތަކުން ދަނީ އެކި ދުވަސްމަތިން ހުޅުމާލެ އާ ބިމުގައި ގަސް އިންދަމުންނެވެ. މި މަޝްރޫއުގެ ދަށުން ސިފައިން ވަނީ 500 ގަސް އެ ބިމުގައި އިންދާފައެވެ.