ޚަބަރު

އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް ޖައިޝް އައްޔަނުކުރައްވައިފި


‏ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް މުޙައްމަދު ޖައިޝް އިބްރާހީމް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އައްޔަނުކުރައްވައިފިއެވެ.

އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް ޖައިޝް އައްޔަނުކުރައްވާފައިވާއިރު، އެކުންފުނީގެ ބޯޑުގައި ޖުމްލަ 6 ބޭފުޅަކު ޖައިޝްގެ އިތުރުން ތިއްބަވައެވެ. އެއީ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދާއި، ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ މުހައްމަދު އަރްފާތާއި، އަބްދުﷲ ރަމީޒާއި، އަހުމަދު އާތިފްގެ އިތުރުން ހަސަން މުނީޒެވެ.

ޖައިޝް ސާނަވީ ތަޢުލީމު ހާޞިލުކުރައްވާފައިވަނީ މަޖީދިއްޔާ ސްކޫލުންނެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމްފޮރެސްޓުން އާކިޓެކްޗަރގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސައުތު ކުއީންސްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ދާއިރާއިން ޖައިޝް ވަނީ މާސްޓާސް ހައްދަވާފައެވެ.

އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް އަލަށް އައްޔަނު ކުރެއްވި ޖައިޝް ވަނީ އެއަރޕޯޓާއި އޭވިއޭޝަންގެ ދާއިރާގައި 15 އަހަރު މަސައްކަތް ކުރައްވާފައެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޕްރޮޖެކްޓް ހެޑެއްގެ ގޮތުގައާއި، ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޑިރެކްޓަރެއްގެ މަޤާމުންވެސް އޭނާ ފުރުއްވާފައި ވެއެވެ.

އާކިޓެކްޗަރގެ ދާއިރާގައި ޖައިޝްއަކީ ރީޖަނަލް އެއަރޕޯޓުތައް ފަރުމާކުރުމާއި، މިސްކިތްތަކާއި ތަފާތު ޢިމާރާތްތަކާއި، ރިސޯޓުތައް ފަރުމާކުރުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޭންކަށް އެކަމުން އެރި ލޮޅުންތަކާއި މާލީ ދަތިތައް ޙައްލުކުރުމަށް ކުރެވުނު މަސައްކަތުގައި ޖައިޝްވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.