ވިޔަފާރި

މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ 69.6 އިންސައްތަ ދަށަށް


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ 69.6 އިންސައްތަ ދަށަށް ހިގައްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ނެރެފައިވާ ޖުލައިމަހުގެ އާމްދަނީ ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ދައުލަތަށް އެކި ގޮތްގޮތުން ލިބުނު އާމްދަނީގެ ޖުމްލައަކީ 656.10 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 69.6 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 656 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ވަނީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން ޖުލައިމަހުގެ އާމްދަނީ ދަށަށްގޮސްފައި ވަނީ ކޯވިޑް19ގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ޓުއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުންނެވެ.

ދައުލަތަށް އާމްދަނީ ލިބުނު ދާއިރާތަކަށް ބަލާލާއިރު، ޖުލައިމަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ 284.3 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 270.2 މިލިއަން ރުފިޔާއިއެކު އިންކަމް ޓެކުހުންނެވެ. ނަމަވެސް އޭގެ ކުރީއަހަރުގެ ޖުލައިމަހާ އަޅާކިޔާއިރު ޖީއެސްޓީ އަދި އިންކަމް ޓެކުހުގެ ގޮތުގައި 2020 ވަނަ އަހަރުގެ ޖުލައިމަހު ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.