ޚަބަރު

ކޮންޓްރެކްޓުގައި ސޮއިނުކޮށް ހުރި މަޝްރޫއުތައް މިއަހަރު ނުފަށާނެ - މިނިސްޓަރ އަސްލަމް


ސަރުކާރުން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްގެންދާނީ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ މަޝްރޫޢުތައް އެކަނިކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އެ ދާއިރާތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މިވަގުތު ކޮންޓްރެކްޓްގައި ސޮއިނުކުރެވި ހުރި މަޝްރޫޢުއެއްވާނަމަ އެ މަޝްރޫޢުތައް މިއަހަރު ފެށެން ނެތްކަމަށާއި، އެމަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ދައުލަތުގެ ބަޖެޓުން ޖާގަ ލިބުމުންކަމަށެވެ. އެހެންކަމުން މިވަގުތު ސޮއިކޮށްފައިވާ ކޮންޓްރެކްޓްތަކުގައި ހިމެނޭ މަޝްރޫޢުތައް ޕްލޭން ކުރެވިފައިވާގޮތަށް ކުރިއަށްދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބަޖެޓްގައި ހިމަނާފަ ކޮންޓްރެކްޓްގަ ސޮއިކުރެވިފައިނުވާ މަޝްރޫޢުތައް މިވަގުތު ކުރިއަށް ގެންދެވޭކަށް ނެތް. ބަޖެޓުން ޖާގަ ލިބިގެން ނޫންގޮތަކަށް ފައިނޭންސް އެރޭޖުމަންޓެއް ހެދިގެން ނޫންގޮތަކަށް ފެށޭކަށް ނެތް. ނަމަވެސް ބަޖެޓްގައި ހިމަނާފަ ކޮންޓެކްޓްގައި ސޮއިކުރެވިފައިވާ މަސައްކަތެއްނަމަ ކުރިއަށްދާނެ."

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި، ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 10.45 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި 2.2.ބިލިއަން ރުފިޔާގެ މަޝްރޫޢުއަކީ މުޅިން އަލަށް ފަށާ މަސައްކަތްތެކެވެ. މިއަހަރު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރުޢޫތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ޓެންޑަރ މަރްޙަލާ ނިމިފައިވާ މަޝްރޫޢުތައްކަމަށްވެސް މިނިސްޓަރ އަސްލަމް ކުރިން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ލޮޅުމުގެ ސަބަބަުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ޓެންޑާނުކޮށް ހުރި މަޝްރޫޢުތައް މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ކުރިން ވަނީ ވިދާޅުވެފައެވެ.