ކުޅިވަރު

މިއަށްވުރެ ރަނގަޅަށް ޔުނައިޓެޑް ކުޅެންޖެހޭ: ސޯލްޝެއާ


މެންޗެސްޓަރ ޔުނައިޓެޑުން މިއައްވުރެ ރަނގަޅު ކުޅުމެއް މެޗުތަކުގައި ދައްކަން ޖެހޭކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނެފިއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގައި ކުއާޓާ ފައިނަލުގައި ރޭ ޑެންމާކްގެ ކޯޕަންހޭގަން ކައިރިން އުނދަގޫ މޮޅެއް ހޯދުމަށްފަހު ސޯލްޝެއާ ބުނީ މެޗުތަކުގައި ގިނަ ފުރުޞަތުތައް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންޖެހޭކަމަށެވެ. އޭނާ ބުނީ ގޯލަށް ބޯޅަ ވަނުންފިޔަވާ ގިނަ ހަމަލާތަކެއް ޔުނައިޓެޑުން އުފެއްދި ކަމަށެވެ. އެހެންނަމަވެސް މެޗުތަކުގައި އަދި ހަމަލާތައް އިތުރަށް އުފެއްދުމުން ނުފުދޭކަމަށް ކޯޗު ބުންޏެވެ.

ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ބުނީ މެޗުގައި ތަފާތަކަށްވީ ކޯޕަންހޭގަންގެ ކީޕަރު ކަމަށާއި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ބޮޑު ހައިރާންކަމެއް ލިބުނުކަމަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޯޕަންހޭގަންގެ ކީޕަރު ކާލް ޖޯހަން ޖޯންސަން ވަނީ ޔުނައިޓެޑުން މެޗުގައި ފޮނުވާލީ 13 ހަމަލާއެއް ދިފާއުކޮށްފައެވެ. މިއީ ޔޫރޮޕާ ލީގުގައި އެއްމެޗެއްގައި އެއްވެސް ކީޕަރަކަށް ބޯޅަ ދިފާއު ކުރެވުނު އަދަދެއް ނޫނެއެވެ.

އޭނާ ބުނީ މުބާރާތުގެ ސެމީ ފައިނަލުގައި ކޮންމެ ޓީމަކާއި ދެކޮޅަށް ނުކުންނަން ޖެހުނަސް ފަރުވާލެއް ނެތްކަމަށާއި ސެމީ ފައިނަލަށް ތައްޔާރުވާން ލިބިފައޮތް ހަ ދުވަހަކީ ފުދޭވަރެއްގެ އަދަދެއްކަމަށެވެ. ސެމީ ފައިނަލުގައި ޔުނައިޓެޑު ކުޅެންޖެހޭނީ މިރޭ ވުލްވްސްއާއި ސެވިއްޔާ ވާދަކޮށްގެން މޮޅުވާ ޓީމަކާއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ވަނީ މިއަހަރު ކުޅުނު ނޮކައުޓް ހުރިހާ މުބާރާތެއްގައި ސެމީ ފައިނަލުގަ ކުޅެފައެވެ. ސޯލްޝެއާ ބުނީ އެއީ ޓީމަށް ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބެއްކަމަށެވެ. މިއީ ޔުނައިޓެޑުން ވޭތުވެދިޔަ 4 އަހަރު ތެރޭގައި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލު ގައި ވާދަކުރާ ދެވަނަ ފަހަރެއެވެ. މިއީ ޔުނައިޓެޑުން ޔޫރަޕުގެ މުބާރާތެއްގައި ސެމީ ފައިނަލަށް ދިޔަ 17 ވަނަ ފަހަރެއެވެ.