ކުޅިވަރު

ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން އިންޓަރ މިލާނުން ދަސްކުރަންޖެހޭ: ކޮންޓޭ


މެޗުތަކުގައި ލިބޭ ފުރުސަތަކުގެ ބޭނުން ހިފަން އިންޓަ މިލާންގެ ކުޅުންތެރިން ދަސްކުރަން ޖެހޭކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން ބަލިކޮށް ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަހޯދުމަށް ފަހު ކޮންޓޭ ބުނީ ހުރިހާ ކަމެއްވެސް ދިޔައީ މެޗަށް ތައްޔާރުވިގޮތަށް ކަމަށާއި ލެވަކޫސަންއަށް އެމީހުންގެ ސްޓައިލުގައި ނުކުޅެވުނީ އިންޓަރ ކުޅުންތެރިންގެ ހުޝިޔާރުކަމުންކަމަށެވެ. އޭނާ ބުނީ ކުދިކުދި ކަންތައްތައް ފާހަގަވިނަމަވެސް އިންޓަރ މިލާނުން މޮޅުކުޅުމެއް މެޗުގައި ދެއްކި ކަމަށެވެ.

ކޮންޓޭ ބުނީ މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާ ހަމަޖެހިލަން ފުރުސަތު ލިބުނުކަމަށެވެ. އެހެންނަމަވެސް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އިންޓަމިލާނަށް ނުހިފުނުކަމަށެވެ. ކޮންޓޭ ބުނީ މިއަށްވުރެ ރަނގަޅަށް މެޗުތަކުގައި ލިބޭ ފުރުސަތުތައް ބޭނުންކުރަން އިންޓަރ މިލާނުން ދަސްކުރަން ޖެހޭކަމަށެވެ. އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ ތަފާތު ބޮޑު ނަތީޖާއެއް މެޗުގައި ފެނުނީސްކަމަށް ކޮންޓޭ ބުންޏެވެ. ވަކިވަކި ކުޅުންތެރިންގެ ހުނަރުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މިއީ ތަފާތު މޮޅު ކުޅުމެއް އިންޓަރ އިން ދެއްކި ސީޒަނެއްކަމަށް 10 އަހަރު ފަހުން މުބާރާތުގެ ކުއާޓާގައި ވާދަކުރި ޓީމުގެ ކޯޗު ބުންޏެވެ.

ކޮންޓޭ ބުނީ އޭނާގެ ޓާގެޓަކީ މުބާރާތުގައި ދެވެން އޮތް އެންމެ ދުރަށް ދިއުންކަމަށާއި އެކަން ހާސިލްކުރަން މަސައްކަތް ކުރާނެކަމަށެވެ. ރޭގެ މެޗުގައި އިންޓަރ މިލާންގެ ދެވަނަ ލަނޑު ޖަހައިދިން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ވަނީ ޔޫރަޕާ ލީގުގައި ކުޅުނު 9 މެޗެއްގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ 2010 ވަނަ އަހަރު ތިން ތަށި އިންޓަރ މިލާނަށް ހޯދުނު ފަހުން ޔޫރަޕުގެ މުބާރާތެއްގައި ސެމީ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.