ވިޔަފާރި

ބަރެސްދޫ މަޝްރޫއަށް ފައިސާދެއްކި ބައެއް ފަރާތްތަކަށް އަނބުރާ ފައިސާ ދީފި


ކޯޓު އަމުރުގެ ދަށުން ބަރެސްދޫ މަޝްރޫގެ ފައިސާ އަނބުރާ ހޯދަން އެދުނު ފަރާތްތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިމިއްޖެކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއައިޓީޑީން ބުނެފިއެވެ.

ބަރެސްދޫ މަޝްރޫއަށް އެކި ފަރާތްތަކުން ނަގާފައިވާ ފައިސާގެ މައްސަލައިގައި ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ބަލަހައްޓާ އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މަޝްރޫގައި ބައިވެރިވުމަށް ދެކުންފުންޏަކުން ދެއްކި ފައިސާ އަނބުރާ ހޯދުމަށް ކޯޓުގައި ކުރި ދައުވާ ސާބިތުވެ، އެ ދެކުންފުންޏަށް ކޯޓު މެދުވެރިކޮށް ފައިސާދައްކާ ނިމިފައިވާކަމަށެވެ. އަދި މިދެކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން 21 ހާސް ރުފިޔާ ދޫކޮށް، ފައިސާ ޑޮލަރަށް ބަދަލުކޮށް ޗެކް އިޝޫކޮށްފައިވާކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކޯޓަށް ދައްކަންޖެހޭ ފައިސާ އެކާވީސް ހާސް ފަސްދޮޅަސް ހަ ޑޮލަރަށްވާ ދިވެހި ފައިސާ ފިނޭންސް މިނިސްޓްރީން ދެއްވާފައިވަނީ. އަޅުގަނޑުމެނަށް ޑޮލަރު ލިބުމުގައި ވަރަށް ދަތި. މީގައި ކޯޓުން ހުކުން ކޮށްފައިވަނީ ކުންފުނިތަކުން ޑިޕޮސިޓް ލިބުނު ފައިސާއިން ދައްކަން. އެހެންވެ ދިވެހި ރުފިޔާއިން އަނބުރާ ފައިސާ ނުދެއްކޭ. އެހެންނަމަވެސް އެމްޓީޑީސީ މެދުވެރިކޮށް އެ ޑޮލަރު ލިބި އަޅުގަނޑު މިއަދު މިއައީ އެޗެކް އިޝޫކޮށްފައި. އެމައްސަލަ މިހާރު ވަނީ ހައްލުވެފައި. އަޅުގަނޑުމެނަށް ޑޮލަރު މާދަމާ ލިބި މާދަމާ ކޯޓަށް ފައިސާ ދެއްކޭނެ. ނަމަވެސް މި ފައިސާ ދެއްކުމުން ކޯޓު ހުކުމުގައި ބުނާ ހުރިހާ ފައިސާއެއް ދައްކައި ނިމުނީ" ރާއިދު ވިދާޅުވިއެވެ.

އެސްއޯއީ ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ޖެނުއަރީގައި އައު މެނޭޖްމަންޓުން އެމްއައިޓީޑީސީއާއި ހަވާލުވިއިރު މަޝްރޫޢު ހިންގުމަށް ކުރީގެ މެނޭޖްމަންޓުން އެކި ފަރާތްތައް މެދުވެރިކޮށް 3.58 މިލިއަން ޑޮލަރު ނަގާފައިވާކަމަށެވެ. މީގެތެރެއިން އަދިވެސް ނުދައްކާ 2 މިލިއަން ވުރެ ގިނަ ޑޮލަރު ހުރިއިރު، މަޝްރޫޢުގައި ބައިވެރިވި އެކި ފަރާތްތަކުން 6 ލައްކަ ޑޮލަރު އަނބުރާ ހޯދުމަށް އެދިފައިވާކަމަށެވެ.

ރާއިދު ވިދާޅުވީ ކުންފުންޏާއި އައު މެނޭޖްމަންޓު ހަވާލުވިއިރު އެއްވެސް ފައިސާއެއް ނެތުމުން އަނބުރާ ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިޔަށްދަނީ ފިނޭންސް މިނިސްޓްރީއާއި ގުޅިގެންކަމަށް ރާއިދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އައު މެނޭޖްމަންޓުން ބަރެސްދޫ މަޝްރޫއާއި ހަވާލުވިފަހުން އެއްވެސް ފަރާތަކުން ފައިސާ ނަގާފައި ނުވާނެކަމަށެވެ. އަދި މިމައްސަލަ އޭސީސީއިން ބަލަމުންދާއިރު، މިކަމަށް އެމްއައިޓީޑީސީން އެއްބާރުލުން ދެމުންދާކަމަށް ރާއިދު ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފިރުޒުލް ހުސެން ފިރާޒް ވިދާޅުވީ ބަރެސްދޫ މަޝްރޫގައި ބައިވެރިވުމަށް އެކި ފަރާތްތަކުން ފައިސާ ނެގީ ކުރީގެ ސަރުކާރުގައިކަމަށެވެ. އަދި މިގޮތުން މަޝްރޫއަށް އެކި ކުންފުނިތައް މެދުވެރިކޮށް ނެގި ފައިސާ ގެއްލިފައިވާތީ މި މައްސަލަ އޭސީސީންވެސް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ މިމަޝްރޫއަށް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުން އަނބުރާ ފައިސާ ދޭނީ ކޯޓުން އަމުރުގެ ދަށުންކަމަށެވެ. އެއީ މިމަޝްރޫއުގެ މުއާމަލާތްތަކުގެ ލިޔެކިއުންތަކުގެ އަސްލާމެދު ސުވާލު އުފެދޭތީއާއި ބައެއް ކުންފުނިތަކާއިއެކު ހެދިފައިވާ އެއްބަސްވުމުގެ ލިޔެކިއުން ފެންނަން ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ބަރެސްދޫ މަޝްރޫއަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ‏‏އިންވެސްޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރުގެ ފެށި މަޝްރޫއެކެވެ. މަޝްރޫޢު އިފްތިތާހުކުރީ ލ އަތޮޅު "ތުނބުރި"ގައެވެ. ނަމަވެސް ފަހުން މަޝްރޫ ލ.އަތޮޅު ބަރެސްދޫއަށް ބަދަލުކުރިއެވެ. މަޝްރޫ ފުރަތަމަ ހިންގީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ ދަށުން ކަމުގައިވިޔަސް 2016 ވަނަ އަހަރު އެމްއައިޓީޑީސީ އުފައްދާ މަޝްރޫޢު ހިންގުން އެކޯޕަރޭޝަނާއި ހަވާލުކުރިއެވެ.