ކުޅިވަރު

ތިން އަހަރު ތެރޭގައި ކުލަބުން ހޯދި ކުރިއެރުމާއި މެދު ފަޚުރުވެރިވަން: ނޫނޯ


ވޭތުވެދިޔަ ތިން ސީޒަންގައި އިނގިރޭސި ކުލަބު ވުލްވްސް ހޯދި ކުރިއެރުމާ މެދު އޭނާ ފަޚުރުވެރިވާކަމަށް އެޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފިއެވެ.

ނޫނޯ ބުނީ އޭނާއަށް އެންމެ މުހިންމު ކަމަކީ ކުލަބު އައިޑެންޓިޓީއެއް ގާއިމުކުރުވުން ކަމަށާއި އޭގެން ދައްކައިދޭނީ އޭނާ އެޅި ބިންގަލުގެ ވަރުގަދަކަމާއި އެތައް ބަޔެއްގެ ބުރަ މަސައްކަތް ކަމަށެވެ. ދަނޑުމަތިން މިހުރިހާ ކަމެއް ސެވިއްޔާ ދެކޮޅަށް ދައްކަން ބޭނުންވާކަމަށް ކުޅުންތެރިޔެއްގެ ގޮތުގައި ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް ކާމިޔާބުކުރި ނޫނޯ ބުންޏެވެ.

އޭނާ ބުނީ 2017 ވަނަ އަހަރު ކުލަބާ ހަވާލުވިއިރު އޮތީ އިނގިރޭސި ޗެމްޕިއަންޝިޕްގެ 15 ވަނައިގަކަމަށެވެ. މިއަދާ ހަމަޔަށް މިއާދެވުނީ އޭރު އެޅުނު ވަރުގަދަ ބިންގަލުގެ ސަބަބުން ކަމަށް ނޫނޫ ބުންޏެވެ.

އޭނާ ބުނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ސެވިއްޔާ ދެކޮޅަށް ނުކުންނައިރު އެޓީމަކީ ކިހާ ވަރުގަދަ ޓީމެއްކަން އެނގޭކަމަށާއި މެޗަށް ނުކުންނާނީ މިއީ ފައިނަލެއް ކަމަށް ދެކިގެންކަމަށެވެ. އަދި މިއީ ތަފާތު ގޮތަކަށް ދާ މުބާރާތެއް ކަމަށާއި މުބާރާތުގައި މިހިސާބުން އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެކަމަށެވެ.

މިއީ ވޭތުވެދިޔަ 48 އަހަރުތެރޭގައި ވުލްވްސް ޔޫރަޕުގެ މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެއެވެ. ސެވިއްޔާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު ބަލިވެފަ ވަނީ އެއްމެ މެޗަކުންނެވެ. ސެވިއްޔާ ވަނީ 2007 އިން ފެށިގެން އެކި ފަހަރު މަތިން ޔޫރޮޕާ ލީގު ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ.