ޚަބަރު

މަދަނީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކޯޓުތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި


މަދަނީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކޯޓުތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މަދަނީ އިޖުރާއަތުގެ ބިލުން ޤާއިމުކުރާ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަން ކުރެވިގެންދާނެގޮތާއި، ބިލުގައި ހިމެނޭ އެނޫންވެސް މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި، އެޓަރނީޖެނެރަލް އިބްރާހީމް ރިފްޢަތުގެ އިތުރުން ބައިވެރިވެވަޑައިގަތީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ޤާޟީންނެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި، ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި، އިޖުރާއަތުތަކާމެދު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

މިއަދުގެ މި ބައްދަލުވުމަކީ، މަދަނީ ޢަދުލުގެ ނިޒާމާއި މަދަނީ އިޖުރާއަތާގުޅޭ އެނޫންވެސް މައިގަނޑު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.