ޚަބަރު

ދިވެހި ޚާރިޖިއްޔާގެ ޖޮއިންޓް ސެކްރެޓަރީންގެ %62 އަކީ އަންހެނުން


ފޮރިން މިނިސްޓްރީގެ އިސް މަޤާމުތަކަށް 5 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބެވި 5 ބޭފުޅަކު މިއަދު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރައްވާފައިވާކަމަށެވެ.

މިއަދު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވި ބޭފުންނަކީ ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ އުސޫލުތަކާ އެއްގޮތަށް މަޤާމުގެ ކުރިއެރުން ހޯއްދަވާފައިވާ ބޭފުޅުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މަޤާމުގެ ކުރިއެރުން ދެއްވި ފަސް ބޭފުޅުން ވަނީ މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިކަމަށާއި، ޖޮއިންޓް ސެކްރެޓަރީ ކަމަށް އައްޔަން ކުރެވުނު 5 ބޭފުޅުންގެ ތެރޭގައި ތިއްބެވީ 10 އަހަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި ވަޒީފާ އަދާކުރައްވާފައި ތިއްބެވި ބޭފުޅުންކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ބައެއް ބޭފުޅުން 20 އަހަރަށްވުރެ ގިނަ ދުވަހު ފޮރިން މިނިސްޓްރީގައި، ސިވިލް ސަރވަންޓުންގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. މި 5 ބޭފުޅުންނަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޖޮއިންޓް ސެކްރެޓަރީންގެ ގޮތުގައި އައްޔަނުކުރެއްވި 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނެއެވެ. މިއާއެކު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީންގެ 62 އިންސައްތައަކީ އަންހެން ބޭފުޅުންނެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދަށުން ހިނގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީވެސް މިހާރު އަންހެންނެވެ.