ޚަބަރު

ދިވެސް އަކުރު ދަސްކުރި ބައިވެރިންނަށް ހަނދާނީލިޔުން ދީފި


ދިވެހިބަހުގެ އެކަޑަމީން އިސްނަގައިގެން ކުރިޔަށްގެންދިޔަ "ދިވެސް އަކުރު" ދަސްކޮށްދިނުމުގެ ކޯސް ނިންމާ ބައިވެރިންނަށް ހަދާނީ ލިޔުން ދީފިއެވެ. މިއަދު ދިވެހި ބަހުގެ އެކަޑަމީގައި ކުރިޔަށް ގެންދިޔަ މިރަސްމިޔާތުގައި ހަދާނީ ލިޔުން ދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ ދިވެސް އަކުރު އިންޓަރނޭޝަނަލް ކުރުމުގެ  ގޮތުން އެހެން ގައުމުތަކުގައި މި ކޯސް ހިންގުމަށް ރާއްވާފައިވާކަމަށެވެ.ދިވެހި ބަހުގެ އެކަޑަމީގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި "ދިވެސް އަކުރު ދަރިވަރުންގެ އެހީތެރިޔާ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޮތެއް ވަނީ ނެރެފައެވެ. މި ފޮތް ލިޔެފައި ވަނީ ދިވެސް އަކުރު ކިޔަވާދެއްވަމުންގެންދަވާ ބޭފުޅެއްކަމުގައިވާ ހަދީޖާ ހަސަންއެވެ. މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ތާރީހައް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުގައިވާ ނިޝާން އިއްޒައްދީން އިއްޒަތުގެ ވެރިޔާ ނަސީމާ މުހައްމަދު ކަލޭފާނެވެ. ދިވެހި ބަހުގެ އެކަޑަމީން ކުރިޔަށްގެންދިޔަ މި ކޯހުގައި ކިޔަވާދެއްވާފައިވަނީ މީގެ ކުރިން ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރައްވާ ގައުމީ މަރުކަޒުގެ ފަރާތުން ކުރިޔަށްގެންދިޔަ ދިވެސް އަކުރު ކޯހުގައި ބައިވެރިވެ ދިވެސް އަކުރު ދަސްކޮށްދީފައިވާ ބޭފުޅެއް ކަމުގައިވާ އަހުމަދު ރަޝީދެވެ. އޮގަސްޓްމަހުގެ 16 އިން 24 ހަށް ކުރިޔަށްގެންދިޔަ މި ކޯހުގައި ޖުމުލަ 21 މީހުން ބައިވެރިވެ، 20 މީހުން ސަނަދު ހާސިލްކޮށްފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. ދިވެސް އަކުރު ދަސްކޮށްދޭ ކޯހެއް އެންމެ ފުރައްތަމަ ފަށާފައިވަނީ 1985 ވަނައަހަރުގައެވެ.އޭގެ ފަހުން މި ކޯސް އެކި އަހަރުތަކުގައި ކުރިޔަށްގެން ގޮސްފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. މިކޯހުގެ މަގުސަދަކީ ދިވެސް އަކުރުން ލިޔެފައިވާ  ލިޔުންތައް ކިޔަންށާއި، ލިޔަން ދަންނަމީހުން އުފެއްދުން ކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. މި ކޯހަކީ ދިވެސް އަކުރުން ލިޔެފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި، އެދުވަސް ވަރު ގެ ތާރީޙު ދެނެގަތުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރިޔަށްގެންދިޔަ ކޯހެއްކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ.