އިންޑިޔާގެ ރައީސްކަން 2012ވަނަ އަހަރުން 2017ވަނަ އަހަރަށް ކުރެއްވި ޕުރަނާބު މުކަރުޖީއަށް ކޯވިޑް-19 ޖެހިފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޓުވިޓަރ މެދުވެރިކޮށް 84 އަހަރުގެ މުކަރުޖީ ވިދާޅުވީ އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަން އެނގިވަޑައިގަތީ އެހެން ޞިއްހީ މައްސަލައަކަށް ފަރުވާހޯއްދެވުމަށް ހަސްފަތާލަކަށް ވަޑައިގަތުމުންކަމަށެވެ. އަދި ފާއިތުވި ހަފުތާގައި އޭނާއާ ބައްދަލުވެފައިވާ އެންމެން އެކަހެރިވެ، ބައްޔަށް ތަހުލީލުކުރުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ،
މީގެ ކުރިން އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ހިމެނޭހެން އެ ޤައުމުގެ ގިނަ ޢަދަދެއްގެ އިސްވެރިންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އިންޑިޔާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ ޤައުމެވެ. އެ ޤައުމުގައި މިހާތަނަށް 2.2 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 44،500 މީހުންވަނީ މަރުވެފައެވެ.