ޚަބަރު

ބައިރޫތަށް އެހީވުމަށް 298 މިލިއަން އެމެރިކާ ޑޮލަރު ހޯދައިފި


ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ބޮޑެތި ގޮވުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވި ޚާއްޞަ ޙަރަކާތެއްގައި މާލީ އެހީގެގޮތުގައި 298 މިލިއަން އެމެރިކާ ޑޮލަރު ހޯދައިފިއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 158 މީހުން މަރުވެ 6،000 މީހުންވަނީ ޒަޚަމުވެފައެވެ. އަދި 300،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އެ ހާދިޘާ ހިނގީ ކަމާބެހޭ އިދާރާތަކުގެ އިހުމާލުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ފާހަގަވެފައެވެ. އެ ހާދިޘާ ހިނގުމުގެ ކުރިންވެސް ލުބުނާނުގެ ޙާލަތު އޮތީ ވަރަށް ގޯސްވެފައެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ކޯވިޑް-19ގެ ސަބަބުން ލުބުނާނުގެ އިޤްތިޞާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭކަމަށް ބުނެ އެ ޤައުމުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން އިސްވެހުންނަވާ އިންތިޒާމުކުރެއްވި އެހީ ހޯދުމުގެ ޙާރަކާތުގައި އޭނާވަނީ ޤައުމުތަކުގެ މެދުގައި އޮތް ތަފާތުތައް އެއްފަރާތްކޮށް ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ. އޭނާވަނީ ބައިރޫތަށް ޒިޔާރަތްކުރައްވައި ގޮވުންތައް ގޮވި ސަރަޙައްދަށް ވަޑައިގަންނަވައި ޢާންމުންނާ ބައްދަލުކުރައްވައި ޝަކުވާތައް އަޑުއައްސަވައިފައެވެ. ލުބުނާނަށް ކުރެއްވި ޒިޔާރަތުގައި އޭނާވަނީ އެ ޤައުމުގެ ސިޔާސީވެރިންނާވެސް ބައްދަލުކުރައްވައިފައެވެ.

ދުނިޔޭގެ ބާރުގަދަ އަދި ނުފޫޒުގަދަ ޤައުމުތަކުންވަނީ ލުބުނާނުގެ ރައްޔިތުންނަށް އަޅައިނުލައި ދޫކޮށްނުލާނެކަމުގެ ޔަޤީންކަން ދީފައެވެ.
ލުބުނާނުގެ ސަރުކާރުން ޢާންމުންނާމެދު އިހުމާލުވާކަމަށާއި ޤައުމުގެ އިސްވެރިންނަކީ ޤައުމުގެ ރައިސުލްމާލަށް ޚިޔާނާތްތެރިވާ ބައެއްކަމަށް އެ ޤައުމުގެ ރައްޔިތުން އަބަދުވެސްދަނީ ބުނަމުންނެވެ. އެހެންކަމުން ޤައުމަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުގައި ލިބޭ އެހީތެރިކަން ސީދާ ރައްޔިތުންނާ ހަމައަށް ފޯރާނެކަމާމެދުވަނީ ޝައްކުއުފެދިއެވެ. އެހީގެ ގޮތުގައި ފޯރުކޮށްދޭ ފައިސާ ޚަރަދުކުރާ ގޮތުގެ ތަފުޞީލު ދެފުށް ފެންނަ ގޮތަކަށް ހާމަކުރަންވާނެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކުންވަނީ ބުނެފައެވެ.

ފަރަންސޭސިވިލާތުން ބުނީ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް ސިޔާސީ އަދި އިދާރީ އިސްލާހެއް ގެނައުމުގެ މައްޗަށް ޝަރުތުކޮށްފައިނުވާނެކަމަށެވެ. ނަމަވެސް ލުބުނާނުގެ ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކުގެ މައްޗަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެކަމަށް ފަރަންސޭސިވިލާތުންވަނީ ފާހަގަކޮށްފައެވެ.