ޚަބަރު

ބައިރޫތުގެ މުޒާހަރާތައް ހޫނުވެ، ދެ ވަޒީރަކު އިސްތިޢުފާ ދެއްވައިފި


ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ބޮޑެތި ގޮވުންތަކުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެކަމަށް ބުނެ އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ދެ ވަޒީރަކު އިސްތިޢުފާ ދެއްވައިފިއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 158 މީހުން މަރުވެ 6،000 މީހުންވަނީ ޒަޚަމުވެފައެވެ. އެ ހާދިޘާ ހިނގީ ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ފާހަގަވެފައެވެ. އެ ހާދިޘާ ހިނގުމުގެ ކުރިންވެސް ލުބުނާނުގެ ޙާލަތު އޮތީ ވަރަށް ގޯސްވެފައެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ ޤައުމުގެ ރައްޔިތުންވަނީ މާޔޫސްވެ ރުޅިގަދަވެފައެވެ.

ދެ ދުވަހަށް ދެމިގެންގޮސްފައިވާ މުޒާހަރާތައް ހޫނުވެ، ޢާންމުންވަނީ ފުލުހުންނާ ދިމާލަށް ގައު އުކައި ސަރުކާރުގެ އިދާރާތަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ އިތުރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީސް ހުންނަ އިމާރާތް ކައިރީގައިވަނީ ހުޅުޖަހައިފައެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުންވަނީ ރަބަރު އުންޑައާއި ކަރުނަގޭސް ބޭނުންކޮށްފައެވެ.

ހަމަނުޖެހުންތަކުގެ ތެރޭގައި ޤައުމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނުކުޅެދިފައިވާކަމަށް ބުނެ ލުބުނާނުގެ ދެ ވަޒީރުންވަނީ އިސްތިޢުފާ ދެއްވައިފައެވެ. އިސްތިޢުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަނާބެހޭ ވަޒީރު މަނާލް ޢަބްދުލްޞަމަދާއި ތިމާވެއްޓާބެހޭ ވަޒީރު ދަމިއާނޮސް ޚައްތާރެވެ. ނަމަވެސް އެ ޤައުމުގެ ރައްޔިތުން ބުނަމުން ދަނީ ވަކިވަކި ވަޒީރުންނާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އިސްތިޢުފާ ދެއްވުމުން ނުފުދޭކަމަށާއި ސަރުކާރު އެއްކޮށް އިސްތިޢުފާ ދޭންޖެހޭކަމަށެވެ. އަދި ޤައުމުގެ ހިންގުން އެއްކޮށް ބަދަލުކުރަން ޖެހޭކަމަށް ޢާންމުން ދަނީ ބުނަމުންނެވެ. ސަރުކާރު ބަދަލުވަންދެން މުޒާހަރާތައް ކުރިއަށްގެންދާނެކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ ޙާލަތުން އަރައިގަނެވޭނީ އާންމު އިންތިޚާބު އަވަސްކޮށްގެންކަމަށް ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިޔާބުވަނީ ވިދާޅުވެފައެވެ.