ޚަބަރު

ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކޮށް ބެލަރުސްގައި މުޒާހަރާކުރަނީ


ބެލަރުސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ރައީސް އެލެކްސެންދަރު ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

އޮގަސްޓު މަހުގެ 6ވަނަ ދުވަހު ބެލަރުސްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރިޔާސީ 6ވަނަ ދަޢުރަކަށް ލުކަޝެންކާ އިންތިޚާބުވެވަޑައިގަތީ ވޯޓުގެ 80 އިންސައްތަ ހޯއްދަވައިގެންނެވެ. ނަމަވެސް 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ރައީސްކަން ކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ލުކަޝެންކާ ކުރައްވާފައިވާ މަސައްކަތްތަކާމެދު ބެލަރުސްގެ ރައްޔިތުންވަނީ ހިތްހަމަނުޖެހިފައެވެ. އަދި ޤައުމުގެ އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އޭނާއަށް އޮންނަ ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އޭގެ އިތުރުން އިންސާނީ ހައްޤުތަކަށް އަރައިގަނެފައިވާކަމުގެ ތުހުމަތުވެސް ލުކަޝެންކާގެ މައްޗަށް ކުރެވެއެވެ. އެހެންކަމުން ވޯޓުގެ 80 އިންސައްތަ އޭނާއަށް ލިބިވަޑައިނުގަންނަވާނެކަމަށް އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލުކުރެވެއެވެ.


އިންތިޚާބުގެ ނަތީޖާއާއެކު ބެލަރުސްގެ ވެރިރަށް މިންސްކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނުމުގެ މުޒާހަރާކުރަމުންނެވެ. މުޒާހަރާތައް ރޫޅާލުމަށް އެ ޤައުމުގެ ފުލުހުންވަނީ ޕުރެޝަރުގައި ފެން ޖަހައި ކަރުނަގޭސް ބޭނުންކޮށްފައެވެ. މުޒާހަރާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުން ޢާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކުރާ މަންޒަރު ފެނެއެވެ. މުޒާހަރާއިން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު 120އަށްވުރެ އިތުރުވާނެކަމަށް ބެލެއެވެ.

އޭގެ އިތުރުން މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ފުލުހުންގެ އުޅަނދެއް ދުއްވާފައިގޮސް ޖެއްސުމުގެ ސަބަބުން އެކަކު މަރުވެ، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވަނީ ބުނެފައެވެ.

1995ވަނަ އަހަރުން ފެށިގެން ބެލަރުސްގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވާފައިނުވާކަމަށް ބައިނަލްއަޤުވާމީ އޮބްޒާވަރުންވަނީ ފާހަގަކޮށްފައެވެ.