ޚަބަރު

އިނގިރޭސިވިލާތުގެ މަދަރުސާތައް ސެޕްޓެންބަރު މަހު ހުޅުވަނީ


ސެޕްޓެންބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަދަރުސާތައް އަލުން ހުޅުވަން ނިންމަވާފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން މާރިޗު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަދަރުސާތައްވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ބައެއް މަދަރުސާތައްވަނީ އަލުން ހުޅުވައިފައެވެ.

ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ މަދަރުސާތައް އަލުން ހުޅުވުމަކީ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. ކޯވިޑް-19 ފެތުރުނުނަމަވެސް މަދަރުސާތަކުގެ ކިޔެވުން ރައްކާތެރިކަމާއެކު ކުރިއަށްގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މަދަރުސާތައް އަލުން ހުޅުވުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމު ފުރަބަންދުކުރަން ޖެހިއްޖެ ޙާލަތެއްގައި އެންމެ ފަހުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ މަދަރުސާތައްކަމަށް ބޮޑުވަޒީރު ޖޮންސަން ވިދާޅުވިއެވެ.

ބޮޑުވަޒީރު ޖޮންސަން އެހެން ވިދާޅުވެފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ނާޅާއި އެ ޤައުމުގެ މަދަރުސާތައް ހުޅުވައިފިނަމަ ކުރިއަށް އޮތް ފިނި މޫސުމުގައި އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު ދެގުނައަށް އިތުރުވާނެކަމަށް ދިރާސާއަކުން ދައްކާފައިވަނިކޮށެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑަށް ކޯވިޑް-19 ފެތުރިފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި 310،825 މީހުންނަށް ބަލި ޖެހި، 46،574 މީހުންވަނީ މަރުވެފައެވެ.