ޚަބަރު

ޑިސެންބަރު މަހުގެ ކުރިން އޮސްޓުރޭލިޔާގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ނުހުޅުވާނެ


އޮސްޓުރޭލިޔާގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ޑިސެންބަރު މަހުގެ ކުރިން ހުޅުވޭނެކަމަށް ނުބެލެވޭކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓު މޮރިސަން ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިޔާގައި 21،407 މީހުންނަށް ކޯވިޑް-19 ޖެހި، 314 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ.

ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލްބަން ސިޓީވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުރަބަންދުކޮށްފައެވެ. ބަލި ފެތުރުން ހުއްޓުވުމަށް އެ ޤައުމުގެ ސްޓޭޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތެރޭގެ ގިނަ ސަރަޙައްދީ ރޮނގުތައްވަނީ ބަންދުކޮށްފައެވެ.

އޮސްޓުރޭލިޔާގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވޭނީ ޑިސެންބަރު މަހުގެ ޗުއްޓީއަށް ފަހުކަމަށް ބެލެވޭކަމަށް ވިދާޅުވަމުން ބޮޑުވަޒީރު މޮރިސަން ވިދާޅުވީ މެލްބަން ސިޓީގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށެވެ. މެލްބަން ހިމެނޭ ވިކްޓޯރިޔާ ސްޓޭޓުގައި ބަލި ޖެހޭ މީހުންގެ ޢަދަދު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދަށަށް ގޮސްފައިވާކަން މޮރިސަންވަނީ ފާހަގަކުރައްވާގައެވެ. އެއާއެކު ޤައުމުގެ ޙާލަތު ރަނގަޅުވާނެކަމުގެ އުންމީދު އައުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.