ކުޅިވަރު

ހަތްއަހަރަށްފަހު ބްރެޒިލް ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށްލައިފި


ހަތްއަހަރަށްފަހު ޗެލްސީގެ ބްރެޒިލް ފޯވާޑް ވިލިއަން ކުލަބު ދޫކޮށްލައިފިއެވެ.

ވިލިއަން ޗެލްސީ ދޫކޮށްލަން ނިންމީ އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުންނެވެ. އެހެންކަމުން މިހާރު އޭނާއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ބޭނުން ކުލަބަކަށް ބަދަލުވެވޭނެއެވެ.

ކުލަބު ދޫކޮށްލަމުން ވިލިއަންބުނީ، އޭނާދެކޭގޮތުގައި މިއީ ކުލަބު ބަދަލުކުރަންވީ ވަގުތު ކަމަށާއި، ނަމަވެސް ޗެލްސީއަކީ އޭނާގެ ފުޓުބޯޅަ ހަޔާތުގެ މުހިންމު ބައެއް ކަމަށެވެ. ވިލިއަންބުނީ ޗެލްސީއާއިއެކު އޭނާގެ އެތައް ހަނދާންތަކެއް ވާނެކަމަށާއި، އޭގެތެރެއިން އޭނާއަށް އަބަދުވެސް އެންމެ ޚާއްސަވާނީ ޗެލްސީއާއިއެކު ކާމިޔާބީތަށް ހޯދި ހަނދާންތައް ކަމަށެވެ.

ވިލިއަން ޗެލްސީ ދޫކޮށްލަން ނިންމިއިރު، އަނިޔާގެ ސަބަބުން، އެންމެ ފަހުން އެޓީމުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފައެއްނުވެއެވެ.

ރިޕޯޓްތަށް ބުނާގޮތުން ޗެލްސީއާއި ވާދަވެރި އާސެނަލްއިން އަންނަނީ ވިލިއަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުން ވިލިއަންއާއިއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށްވެސް އިނގިރޭސި މީޑިއާތަކުންބުނެއެވެ.

2013ވަނަ އަހަރު ރަޝިއާގެ ކުލަބަކުން ޗެލްސީއަށް ބަދަލުވުމަށްފަހު ވިލިއަންވަނީ އެކުލަބަށް 339 މެޗު ކުޅެދީފައެވެ. އަދި އެކުލަބާއިއެކު ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އޭނާވަނީ ކުލަބުގެ ކުޅުންތެރިންގެ މެދުގައި ހޮވާ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެފަހަރު ހޯދާފައެވެ. އަދި އެކުލަބާއިއެކު އިނގިރޭސި ޕްރިމިއާ ލީގު ދެފަހަރު، ޔޫރޮޕާ ލީގު އެއްފަހަރު، އަދި އެފްއޭކަޕް އެއްފަހަރު، އަދި ލީގު ކަޕްވެސް އެއްފަހަރު ކާމިޔާބުކޮށްފައެވެ.