ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލްގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކޭނެގޮތް ހަމަޖައްސައިފި


ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށައިފިއެވެ. މި ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށާފައިވަނީ އިއްޔެއެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސަޢީދް ވިދާޅުވީ ފުވައްމުލަކުގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް، ދެއްކޭގޮތަށް ފެށި މި ޚިދުމަތަކީ މުޅިން އަލަށް އެ ހޮސްޕިޓަލްގައި ފެށި ޚިދުމަތެއްކަމަށެވެ.

އިއްޔެ ފެށި މިޚިދުމަތުގައި ފުވައްމުލަކުގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވަނީ ކަށީގެ މައްސަލަތަކުގައި ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ. އެގޮތުން ފުވައްމުލަކުގައި ތިބެގެން އެސިޓީގެ ހޮސްޕިޓަލް މެދުވެރިކޮށް، 6 މީހުންވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރަށް ދައްކާފައެވެ. މި ޚިދުމަތް ދެނީ ޒޫމް މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިންނެވެ.

އަޙްމަދު ސަޢީދު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލާއެކު އަދި އެއްބަސްވެފައިވަނީ 5 ދާއިރާއަކުން ޓެލެކޮންސަލްޓެންސީގެ ޚިދުމަތް ހޯދުމަށްކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހިތުގެ ބަލިތަކާއި، ހަމުގެ ބައްޔާއި ކަށީގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި ޖެނެރަލް ސަރޖަރީއާއި ގުޅޭ ޓެލެކޮންސަލްޓޭޝަންއެވެ.

މި ޚިދުމަތްތައްދެނީ ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރުން މެދުވެރިވެގެންނެވެ. އެގޮތުން ޓެލެކޮންސަލްޓޭޝަން ހެދުމުގެ ކުރިން ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ޕޭޝަންޓު ކޮންސަލްޓްކުރުމަށްފަހު ސްކްރީން ކުރެވޭނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ މިހާރުވެސް ހިތުގެ ބައްޔާއި ހަމުގެ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް ޝެޑިއުލްކޮށްފައިވާކަމަށެވެ. ޓެލެމެޑިސިންގ މެދުވެރިކޮށް ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރަށް ދައްްކަން ބޭނުންވާ މީހުން ފުވައްމުލަކު ހޮސްޕިޓަލްގައި ރަޖިސްޓްރީކުރުމުން، ޑޮކްޓަރަށް ދައްކާ ގަޑި ހަމަޖައްސަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ދާދިފަހުންވަނީ ހުޅުމާލޭ ހޮސްޕިޓަލް މެދުވެރިކޮށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއެކުވެސް ޓެލެމެޑިސިންގެ ޚިދުމަތް ފަށާފައެވެ. މިއީ މިގޮތަށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ މަސައްކަތެވެ. މިދިޔަ މަހުގެ 29ވަނަ ދުވަހުފެށި މިޚިދުމަތުގައި ފުރަތަމަ އަމްރިއތާ ހޮސްޕިޓަލަށް ދައްކާފައިވަނީ ކެންސަރު ބަލީގެ ޕޭޝަންޓެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ މުޅިން އަލަށް ފެށި މި ޚިދުމަތަކަކީ ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ފެށި ޚިދުމަތެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އަތުން ޚަރަދުވާ ފައިސާއާއި، އަދި ދަތުރުފަތުރުގެ ތަކުލީފަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަަދި މިކަމުގެ ސަބަބުން ކޯވިޑްގެ މި ޙާލަތުގައި ދަތުރުފަތުރުނުކޮށް ޚިދުމަތް ހޯދޭނެ ފަސޭހަ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.