ކުޅިވަރު

އެތުލެޓިކޯއިން 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗަށް ޕޯޗުގަލްއަށް ފުރުމުގެ ކުރިން އެތުލެޓިކޯ މެޑްރިޑްގެ 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔުއެފާގެ އެންގުމާއި އެއްގޮތަށް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ޕޯޗުގަލްއަށް ދާ އެތުލެޓިކޯ ޓީމުގެ ސްޓާފުންނާއި ކުޅުންތެރިންނާއި އަދި އެހެނިހެން އޮފިޝަލުންވެސް ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި މި މީހުންގެ ތެރެއިން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް އެތުލެޓިކޯއިންވަނީ ޔަގީންކޮށްދީފައެވެ. އަދި ޕޮޒިޓިވްވެފައިވާ ފަރާތްތައް އައިސޮލޭޝަންއަށް ބަދަލުކޮށްފައިވާކަމަށްވެސް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ނަންތައް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗު ކުރިޔަށް އޮތްވާ އެތުލެޓިކޯ މެޑްރިޑްގެ 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުއާޓާ ފައިނަލް މެޗުތަކުގެ ޝެޑިއުލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ޔުއެފާއިން ވާހަކަ ދައްކާފައެއްނުވެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ޓީމުތައް ޕޯޗުގަލްއާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެތުލެޓިކޯއަށް ޕޯޗުގަލްއަށް ދިއުމަށް ދެން އެންމެ އަވަހަށްވެސް ފުރޭނީ މާދަމާއެވެ. ކުރިން ހަމަޖެހިފައިއޮތީ މިއަދު ޕޯޗުގަލްއަށް ދިއުމަށް ފުރުމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ ނުކުންނާނީ ޖަރުމަނުގެ ލީޕްޒިގް އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރެއެވެ.

އެތުލެޓިކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން މޮޅުވެގެންނެވެ.