ތަޢުލީމު

ބައިނަލްއަޤްވާމީ ޓީޗަރުންގެ 3ވަނަ ކޮންފަރެންސް މިއަދު ފަށައިފި


ތަޢުލީމީ ދާއިރާގެ އާ ހޯދުންތައް ހިއްސާކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ޓީޗަރުންގެ ތިންވަނަ ކޮންފަރެންސް މިއަދު ފަށައިފިއެވެ.ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ތަރައްޤީގައި ފައި ހަމަކުރުމަށް އުނގަންނައިދިނުމުގައި ޓެކްނޮލޮޖީގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށާއި އެކަމުގައި ދަރިވަރުންނާއި މުދައްރިސުންގެ ހުނަރު ވެސް އިތުރު ކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމް ހަރުދަނާކުރުމާއި ގުޅޭ ހަތަރު ބިލެއްގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ކިޔަވައިދިނުމުގައި މިހާރު އެންމެ އިސްކަމެއްދެނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަމާގުޅޭގޮތުންކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގައި ޓީޗަރުން ތަމްރީނުކުރަމުން އައީ "ނޮލެޖް އަދި ސައިކޮލޮޖިކަލް ބޭސިސް" އަށް ބަލައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ކޮންފަރެންސް ކުރިއަށް ގެންދާނީ "ޓެކްނޮލޮޖީ އިނޭބަލްޑް ލަރނިން އެންވަޔަރަމަންޓް" ތީމަކަށް ބަލައިގެންނެވެ. އެގޮތުން މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބަލާލާނީ 21ވަނަ ގަރުނުގައި ކިޔަވައިދިނުމުގެ ކަންތައްތައް ބައްޓަން ކުރާނެ ގޮތާއި ޓެކްނޮލޮޖީގެ ވިސްނުން ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ ވިސްނުން ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗައްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި މެލޭޝިޔާގެ ޔުނިވަރސިޓީއަކާ ގުޅިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ 30 ފަރާތަކުން ބައިވެރިވެ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މި ކޮންފަރެންސްގައި އިންޑިއާ، ބޫޓާން، ޔުނައިޓެޑް ކިންގްޑަމް، ނެޕާލް އަދި ޕާކިސްތާނާއި އޮމާންގެ އިތުރުން މޮރީޝަސްއިން ބައިވެރިވެފައިވެއެވެ.