ކުޅިވަރު

"އަހަރަމެން އިންޓަރ މިލާން ބަލިކުރާނަން": ޕީޓާ ބޯޒް


ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ އިޓަލީގެ އިންޓަރ މިލާން ދެކޮޅަށް ނުކުންނައިރު ވިސްނުން ހުރީ އިންޓަރ މިލާން ބަލިކުރަން ކަމަށާއި އޭނާގެ ޓީމުގައި އެފެންވަރު އެބަހުރިކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ޕީޓާ ބޯޒް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބޯޒް ބުނީ އިޓަލީ އާއި ޔޫރަޕަށް ބެލިކަމުގައި ވިޔަސް އިންޓަރ މިލާން ވަރުގަދަކަމަށާއި އެހެން ނަމަވެސް ބަލިކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އޭނާ ބުނީ މެޗުގައި ބޭނުންވަނީ މިސްޓޭކެއް ނަހަދާ ފުރިހަމަ ކުޅުމެއް ދައްކަން ކަމަށާއި ހެދޭ އެންމެ ގޯހަކުން މިކަހަލަ މެޗެއްގައި އުނދަގޫތަކާ ކުރިމަތިވެދާނެކަމަށެވެ. އޭނާ ބުނީ މެޗުގައި ބޭނުންކުރާނެ ރޭވުންތެރިކަމާ ގުޅޭގޮތުން ވާހަދައްކަން ބޭނުން ނުވާކަމަށެވެ.

ބޯޒް ބުނީ އޭނާގެ ފަލްސަފާއަކީ އެޓޭކިން ފުޓްބޯޅަ ކަމަށެވެ. އަދި އޭނާގެ ޕްލޭނަކީ ރީތިކުޅުމެއް ދެއްކުމުގެ އިތުރުން ގިނަ ގޯލްތަކެއް ޖެހުންކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ބުންޏެވެ. ބޯޒް ބުނީ އިޓަލީގެ ޓީމުތަކަކީ ވަރުގަދައަށް ޑިފެންސް ކުރާ ޓީމުތަކެއް ކަމަށާއި އިންޓަމިލާންގެ ޑިފެންސް ވަރުގަދަކަމަށެވެ. އަދި އިންޓަރ މިލާން ތަފާތުވިޔަސް އެޓީމުން ދިގު ބޯޅަ ނުކުޅޭތީވެ ލެވަކޫސަން އަށް ލަނޑު ޖަހަން ފުރުސަތު ލިބޭނެކަމަށެވެ.

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އިންޓަރ މިލާނާއި ބަޔާ ލެވަކޫސަން ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.