ޚަބަރު

ވިއްސާރައިގައި 4 ރަށެއްގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތްކޮށްފި


ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގައި 4 ރަށެއްގައި ފެންބޮޑުވެގެން ފެންހިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކުރައްވައިފިއެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ، ވިއްސާރަކުރާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މިއަދު ރާއްޖޭގެ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ހިސާން ވިދާޅުވީ، ރާއްޖޭގެ 4 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށާއި އޭގެ ތެރޭގައި މާލެ ސިޓީ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ށ. ފީވަށް އަދި ށ. ފުނަދޫ ހިމެނޭ ކަމަށެވެ. މާލެ ސިޓީއާއި ކުޅުދުއްފުށީގައި ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ށ. ފީވަށް އަދި ށ. ފުނަދޫގައި ރަށު ކައުންސިލާއި ފުލުހުން ގުޅިގެން ދަނީ ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ.

ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެޔަކަށް ގެއްލުންވެގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާއިރު ގޭގެއަށް ފެންވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް ހިސާން ވިދާޅުވިއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއް ވިއްސާރައިގެ ސަބަބުން ދިޔަވެ އަޑިއަށް ދާތީ ނޮދަން އޭރިއާ ސިފައިން ވަނީ މިއަދު ހަރަކާތްތެރިވެފައެވެ.

މިއަދުގެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް ރަށްރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައި ވާކަމުގައި ހިސާން ވިދާޅުވިއެވެ.

އެމްއެންޑީއެފް ޓުވީޓް

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ ހިނދެއްގައި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ. އެގޮތުން ފެންބޮޑުވެގެން ގެއްލުންވާނެ ފަދަ މުދާ އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭ އިލްތިމާސް ކުރައްވައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސްކުރައްވައެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާކުރާގޮތަށް ބަލާއިރު، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށްކަމުން، އުތުރުގެ އަތޮޅުތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށްފައި ވާއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ ށ. ފުނަދޫއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ފުނަދޫއަށް އިއްޔެ 110.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ހަނިމާދޫއަށް 109.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ށ. ކަނޑިތީމަށް 105.4 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސަރާއަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.