ޚަބަރު

ނަގަސާކީއަށް އެޓޮމިކު ބޮން ވައްޓާލިތާ 75 އަހަރު


1945ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ނަގަސާކީއަށް އެޓޮމިކު ބޮމެއް ވައްޓާލި ހާދިޘާއަށް 75 އަހަރު ފުރުން އެ ޤައުމުގައި ފާހަގަކޮށްފިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1945ވަނަ އަހަރުގެ އޯގަސްޓު މަހުގެ 6ވަނަ ދުވަހު އެމެރިކާއިން ހިރޯޝިމާއަށް ލިޓުލް ބޯއިގެ ނަން ދީފައިވާ ބޮމެއް ވައްޓާލިއެވެ. އެ ޙަމަލާގައި 140،000 މީހުން މަރުވިއެވެ. ތިން ދުވަސް ފަހުން އޮގަސްޓު މަހުގެ 9ވަނަ ދުވަހު ފެޓު މޭންގެ ނަން ދީފައިވާ ބޮމެއް އެ ޤައުމުގެ ނަގަސާކީއަށް އެމެރިކާއިން ވައްޓާލިއެވެ. އެ ޙަމަލާގައި 70،000އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ދެ ހަފުތާ ފަހުން ޖަޕާނުން އަމާން ދިނުމުން ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައެވެ.

އެ ހާދިޘާގެ ހަނދާން އައުކުރުމަށް ނަގަސާކީގައިވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ސިޓީގެ މޭޔަރު ޓޮމިހިސަ ޓައުއެ ވިދާޅުވީ ނިއުކުލިއަރ ބާރުހުރި ޤައުމުތަކުން އެފަދަ ހަތިޔާރު ނައްތާލުމުގެ ބަދަލުގައި ހަތިޔާރުތައް އިތުރަށް ކުރިއަރުވައި ޒަމާނީކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއާއި ރަޝިޔާއިން އިންޓަމީޑިއެޓު ރޭންޖު ނިއުކުލިއަރ ފޯސަސް ޓުރީޓީ އުވާލުމުގެ ސަބަބުން ނިއުލިއަރ ހަތިޔާރުގެ ނުރައްކާ ބޮޑުވެފައިވާކަމަށެވެ. އަދި ހިރޯޝިމާއާއި ނަގަސާކީއަށް ދިން ޙަމަލާއިންވެސް ނިއުކުލިއަރ ހަތިޔާރުގެ ނުރައްކާތެރިކަން ދުނިޔެއަށް ފުރިހަމައަށް އިހުސާސުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަގަސާކީގެ މޭނަރުވަނީ 1997ވަނަ އަހަރުގެ ނިއުކުލިއަރ ހަތިޔާރު މަނާކުރާ މުއާހަދާގައި ޖަޕާނުން ވީހާވެސް އަވަހަށް ސޮއިކުރުމަށް ގޮވާލައްވައިފައެވެ. އެ މުއާހަދާގައި ސޮއިކުރައްވަން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭވަނީ ތަކުރާރުކޮށް ދެކޮޅުހައްދަވައިފައެވެ.