ޚަބަރު

މަހަކު 194 ބިލިއަން މާސްކާއި އަންގި އުކާލައި، ތިމާވެށި ޙިމާޔަތްކުރަން އިތުރު ގޮންޖެހުމެއް


ޞިއްޙީ ޚިދުމަތްތެރިން ބޭނުންކުރާ ރައްކާތެރި ސާމާނުކަމަށްވާ ޕީޕީއީގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ޕުލާސްޓިކުގެ މައްސަލައަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ތިމާވެއްޓާބެހޭ މާހިރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އެންވައިރަމެންޓަލް ސައިންސް އެންޑު ޓެކުނޮލޮޖީން ކުރި ދިރާސާއަކުން ދެއްކިގޮތުގައި ކޯވިޑް-19ގެ ސަބަބުން ޞިއްޙީ ކާރިޘާއެއް ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މަހެއްގެ މައްޗަށް އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ 194 ބިލިއަން މާސްކާއި އަނގިދަނީ ދުނިޔޭގައި ބޭނުންކުރަމުންނެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޢާންމުންނަށް ފަސޭހައިން އެފަދަ ސާމާނުތައް ލިބޭނެގޮތްވަނީ ފަހިކޮށްދީފައެވެ.

ފާއިތުވި ދުވަސްތަކުގައި އިނގިރޭސިވިލާތުގެ މަގުތަކަށާއި ގޮނޑުދޮށްތަކަށާއި ކޯރުތަކަށާއި ފެންގަނޑުތަކަށް ކުނިއަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެ ޤައުމުގައި ޙަރަކާރްތެރިވާ ދަރުމަވެރިންވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބެއްކަމަށް ބެލެވެނީ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ މާސްކުގެ ޢަދަދު އިތުރުވުންކަމަށް ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ ފުރެންޑްސް އޮފު އާތުންވަނީ ބުނެފައެވެ.

ކަނޑަށް ބޭރުވާ ޕުލާސްޓިކު މާސްކު ހަލާކުވެ ނެތިދިއުމަށް 450 އަހަރު ނަގާނެކަމަށް ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ. މެޑިކަލް ވޭސްޓުގެ ގޮތުގައި ރައްކާތެރިކަމާއެކު އެ ސާމާނު އުކާލިނަމަވެސް އެއީ ދެވަނަ ފަހަރަށް ބޭނުންކުރެވޭނެ އެއްޗެއްސެއް ނޫނެވެ. އެހެންކަމުން ކުނިގޮނޑުތަކުގައި އެފަދަ ސާމާނުތައް ޖަމާވެ، އެ ތަކެތި ނައްތާލުމަށް ބައެއް ޙާލަތްތަކުގައި އަންދާލުމުގެ ސަބަބުން ވައިގެ ތެރެއަށް ވިހަ ގޭސް ބޭރުވެ މޫސުމީ ބަދަލުތަކާ ކުރިމަތިލާން ޖެހެއެވެ.

ކޯވިޑް-19 ފެތުރުން އިތުރުވުމުން ޢާންމު ތަންތަނުގައި މާސްކު ބޭނުންކުރުމަށް އިނގިރޭސިވިލާތުގައިވަނީ ލާޒިމުކޮށްފައެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުން ފިޔަވައި އެހެން މީހުން އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ މާސްކުގެ ބަދަލުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ މާސްކު ބޭނުންކުރުމަށް ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ގޮވާލައިފައެވެ. އެގޮތަށް ކަންކޮށްފިނަމަ އެތައް ހާސް ޓަނެއްގެ ޕުލާސްޓިކު ކުނި މަދުވާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން އަހަރެއްގެ މައްޗަށް 13 މިލިއަން ޓަނުގެ ޕުލާސްޓިކު ކުނި ކަނޑުތަކަށް އެޅޭކަމަށް އދންވަނީ ބުނެފައެވެ.