ޚަބަރު

ކޯވިޑް-19 ޖެހޭ މީހުން ބައިތިއްބާ ހޮޓަލެއްގައި ރޯވެ، 11 މީހުން މަރުވެއްޖެ


އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުން ބޭތިއްބުމަށް ޚާއްޞަކޮށްފައިވާ ހޮޓަލެއްގައި ރޯވެ، 11 މީހުން މަރުވެއްޖެއެވެ.

އިންޑިޔާގެ އަންދުރަ ޕުރަދޭޝުގެ ވިޖަޔަވަދާ ސިޓީގައި ހުންނަ ހޮޓެލް ސުވަރުނާ ޕެލެހުގައި ރޯވެފައިވަނީ ފަތިހުގެ ވަގުތެއްގައެވެ. ވިޖަޔަވަދާގެ ފުލުހުން ބުނީ އިމާރާތުގައި ރޯވީ ކަރަންޓު ސޯޓެއްވެގެންކަމަށް ބެލެވޭކަމަށެވެ. އެ އިމާރާތުގައި ތިބި މީހުންގެ ތެރެއިން 22 މީހުންނަށްހަސްފަތާލުގައި ދަނީ ފަރުވާދެމުންނެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ މަރުވި މީހުންގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފައެވެ. އަލިފާނުގެ ހާދިޘާގައި ގެއްލުން ލިބުނު މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރިކޮށްދެއްވާނެކަމުގެ ޔަޤީންކަން އޭނާވަނީ ދެއްވައިފައެވެ.

މިއީ އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުން ބައިތިއްބާ މަރުކަޒެއްގައި އަލިފާނުގެ ހާދިޘާއެއް ހިނގި ދެވަނަ ފަހަރެވެ. އޮގަސްޓު މަހުގެ 6ވަނަ ދުވަހު ގުޖުރާތުގެ ހަސްފަތާލެއްގައި ހިނގި އަލިފާނުގެ ހާދިޘާއެއްގައި އައިސީޔޫގައި ފަރުވާދެމުންދިޔަ 8 މީހުންވަނީ މަރުވެފައެވެ.