ޚަބަރު

މޫދަށް ތެޔޮ އެޅުމުގެ ސަބަބުން މޮރިޝަސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފި


މޮރިޝަސްގެ ފަރަކަށް އަރާފައިވާ ބޯޓަކުން ތެޔޮ ބޭރުވުމުގެ ސަބަބުން ތިމާވެށީގެ ކުއްލި ނުރައްކަލުގެ ޙާލަތު އެ ޤައުމުގައި އިޢުލާނުކޮށްފިއެވެ.

މީގެ ދެ ހަފުތާ ކުރިން އިންޑިޔާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ މޮރިޝަސްގެ ފަރަކަށް އުރުނު ޖަޕާނުގެ ޔެޔޮ އުފުލާ ބޯޓަކުން ތެޔޮ ފޭބުމުގެ ސަބަބުން އިންޑިޔާ ކަނޑުގެ ޤުދުރަތީ ދިރުންތަކަށާއި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރުވެރިކަންވަނީ ބޮޑެވެފައެވެ. އެ ބޯޓުގައި 4،000 ޓަނުގެ ތެޔޮ ހުރިކަމަށް ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ. އެ ބޯޓުން ތެޔޮ ފައިބަމުންދާކަން ހާމަކުރައްވާ މޮރިޝަސްގެ ބޮޑުވަޒީރު ޕުރަވިންދު ކުމާރު ޖަގުނޯތުވަނީ އެ ކާރިޘާއިން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެ ހާދިޘާގެ ސަބަބުން ބޮޑު ނުރައްކަލެއްގެ ތެރެއަށް މޮރިޝަސް ހުށަހެޅިފައިވާކަމަށެވެ.

ތެޔޮ ފައިބާފައިވާ ސަރަޙާއްދުގެ ސެޓެލައިޓު ފޮޓޯތަކުން ފެންނަގޮތުގައި ބޯޓުން ފައިބައިފައިވާ ތެޔޮވަނީ ބޮޑު ސަރަޙައްދަކަށް ފެތުރިފައެވެ. އެގޮތުން ގޮނޑުދޮށާ ހަމައަށް ތެލުގެ އަސަރު ފޯރާފައިވާ މަންޒަރުވެސް އެ ފޮޓޯތަކުން ފެނެއެވެ.

ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ ގުރީން ޕީސުންބުނީ އެ ހާދިޘާއަކީ މޮރިޝަސްގެ ޤުދުރަތީ ދިރުންތަކަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާކަމަށެވެ. ތެލުގެ ސަބަބުން ފެން ތަޣައްޔަރުވުމުން ގުދުރަތީ ރީތިކަމަށް މަޝްހޫރު ތިން ސަރަޙައްދެއް ހަލާކުވެ، ނެތިގެން ދިއުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. އެ ފަރުތަކުގައިވާ ދިރުންތައް މަރުވެ، ފަތުރުވެރި ޤައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މޮރިޝަސްގެ އިޤްތިޞާދަށާއި ކާބޯތަކެއްޗަށާއި ޞިއްޙީ ޙާލަތަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވެފައިވާކަމަށް އެ ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

މޮރިޝަސްއަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޭނުންވާ ބައެއް ސާމާނާއެކު މާހިރުންގެ ޚާއްޞަ ވަފުދެއް މޮރިޝަސްއަށް ފޮނުވާނެކަމަށް ފަރަންސޭސިވިލާތުންވަނީ ބުނެފައެވެ. ކަނޑުގެ ސަރަޙައްދު ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންކުރާ ޚާޢްޞަ ސާމާނު ހިފައިގެން އަވަށްޓެރި ރީޔުނިއަން އައިލެންޑުން ފަރަންސޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓަކުން މޮރިޝަސްއަށް ދެ ދަތުރު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ތެޔޮ ސާފުކުރުމަށް ބޭނުންކުރާ ސާމާނު ފޮނުވުމަށްވެސް ފަރަންސޭސިވިލާތުން ވަނީ ނިންމައިފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވިދާޅުވީ ޤުދުރަތީ ދިރުންތަކަށް ނުރައްކާވެ، އަވަސް ފިޔަވަޅުތަކަކަށް ބޭނުންޖެހިފައިވާ ވަގުތެއްގައި ފަރަންސޭސިވިލާތުގެ އެހީތެރިކަން ޔަޤީނުންވެސް ލިބޭނެކަމަށެވެ.

ޖުމައި މަހުގެ 25ވަނަ ދުވަހު މޮރިޝަސްގެ ފަރަށް އުރުނު ޖަޕާނުގެ އެމްވީ ވަކަޝިއޯއަކީ ދިގުމިނުގައި 299.5 މީޓަރު ހުންނަ އަދި ފުޅާ މިނުގައި 50 މީޓަރު ހުންނަ ތެޔޮ އުފުލުމަށް ޚާއްޞަ އުޅަނދެކެވެ. އެ ބޯޓުގެ ވެރިފަރާތްކަމަށްވާ ނަގަޝިކީ ޝިޕިންގުން ބުނީ ބޯޓު ފަރަށް އެރުމުން އެ އުޅަނދު ފުންކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާކަމަށެވެ. އެ ކުންފުނިން ބުނީ މޮރިޝަސްއާއި ޖަޕާނުގެ ރަސްމީ ފަރާތްތަކާ ގުޅިގެން ބޯޓުގައި ހުރި ތެޔޮ ވީހާވެސް އަވަހަށް ރައްކާތެރިކަމާއެކު ބާލައި މޫދަށް ފައިބާފައިވާ ތެޔޮ ސާފުކޮށް ބޯޓު ފުންކުރުމުގެ މަސައްކަތް ކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަމަށެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު މޮރިޝަސްއަށް އަހަރަކު 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުން އެ ޤައުމަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު ލިބުނެވެ.