ސަރުކަރުން ޞިއްޙީ ޚިދުމަތްތެރިންގެ އަގުވަޒަން ނުކުރާކަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މުޒާހަރާކޮށްފިއެވެ.
ކޯވިޑް-19ން ރައްކާތެރިވުމަށް މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރި މުޒަރަހާގައި އެތައް ސަތޭކަ ޞިއްޙީ ޚިދުމަތްތެރިންވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައިވެރިންވަނީ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ރަސްމީ ގޭ ދޮށަށް އެއްވެ އެ މީހުންގެ އިޙުސާސްތައް އަޑުއެހުމަށް ގޮވާލައިފައެވެ. އަދި ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ހުއްޓުމެއްނެތި ކުރަމުންދާ ބުރަ މަސައްކަތްތައް ބަލައިގަނެ އުޖޫރަ ބޮޑުކޮށްދިނުމަށް މުޒާހަރާގެ ބައިވެރިންވަނީ ސަރުކާރަށް ގޮވައިލައިފައެވެ.
އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތަކަށް އެ ޤައުމުގެ ސަރުކާރުންނާއި ރައްޔިތުންވަނީ ބަލައިގަނެ ތަޢުރީފުކޮށްފައެވެ. ނަމަވެސް ޢާންމު ޚަރަދުތަކަށް ކަނޑައަޅާ ފައިސާ ކުރީ ސަރުކާރުންނާއި މިހާރުގެ ސަރުކާރުން މަދުކުރުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ނެޝަނަލް ހެލްތު ސާވިސް، އެންއެޗުއެސަށްވަނީ ވަރަށް ބޮޑަށް ބުރަބޮޑުވެފައެވެ.
މުޒާހަރައިގެ ބައިވެރިން ބުނީ އެ މީހުންނަށް ތަޢުރީފުކުރުމުން ނުފުދޭކަމަށާއި ހައްޤުވާ މިންވަރަށް އުޖޫރަ އިތުރުކޮށްދޭން ޖެހޭކަމަށެވެ. މީގެ ކުރިން ކޯވިޑް-19 ޖެހުނު ބޮޑުވަޒީރު ޖޮންސަނަށް މުޚާތަބުކޮށް އޭނާގެ ޙާލުދެރަވެފައިވަނިކޮށް އޭނާގެ ފުރާނަ ސަލާމަތްކޮށް ދިނީ ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތުންކަމަށް މުޒާހަރާގެ ބައިވެރިންވަނީ ހަންދާންކޮށްދީފައެވެ.
ޢާންމު ޚިދުމަތުގެ ދާއިރާތަކުގައި މަސައްކަތްކުރާ އެއް މިލިއަނަށްވުރެ ގިނަ މުވައްޒަފުންނަށް އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ މުސާރަ ބޮޑުކޮށްދީފައެވެ. ނަމަވެސް އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިމީހުން ބަލަހައްޓާ މީހުން ނުހިމެނެއެވެ. ސަރުކާރުން ބުނެފައިވަނީ އެހެން މަސައްކަތްތެރިންނާ ސަރުކާރާ ދެމެދު އޮންނަ އެއްބަސްވުމާ ޞިއްޙީ ދާރިއާގައި މަސައްކަތްކުރާ މީހުންނާއެކު އޮންނަ އެއްބަސްވުން ތަފާތުކަމަށެވެ.
މުޒާހަރާގެ ބައިވެރިންވަނީ މިއީ އެމީހުންގެ ޙަޔާތުގައި ތަޙަންމަލުކުރަން ޖެހުނު އެންމެ އުނދަގޫ ދުވަސްތައްކަމަށާއި އެ މީހުން ވަރުބަލިވެފައިވާކަމަށް ބުނެފައެވެ. އަދި އިތުރު ހިތްވަރެއް ނެތްކަމަށާއި ޙާލަތު އެހާ ގޯސްވުމުންވެސް މުސާރަ ބޮޑުކުރުމުގައި ޞިއްޙީ ޚިދުމަތްތެރިން ބާކީ ކޮށްފައިވާކަމަށް އެ މީހުން ބުންޏެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި މިހާތަނަށް 309،763 މީހުންނަށް ބަލި ޖެހި، 46،566 މީހުންވަނީ މަރުވެފައެވެ.