ބޮޑު ގޮވުންތަކުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭކަމަށް ބުނެ ސަރުކާރާމެދު ހިތްހަމަނުޖެހިގެން ކުރަމުންދާ މުޒާހަރާތަކުގައި ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހުންނަ ސަރުކާރުގެ އިމާރާތްތަކަށް ޢާންމުން ވަދެ އެ ތަންތަން ހިޞާރުކޮށްފިއެވެ.
އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 158 މީހުން މަރުވެ 6000 މީހުންވަނީ ޒަޚަމުވެފައެވެ. އެ ހާދިޘާ މެދުވެރިވީ ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ފާހަގަވެފައެވެ. އެ ހާދިޘާ މެދުވެރިވުމުގެ ކުރިންވެސް ލުބުނާނުގެ ޙާލަތު އޮތީ ވަރަށް ގޯސްވެފައެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ ޤައުމުގެ ރައްޔިތުންވަނީ މާޔޫސްވެ ރުޅިގަދަވެފައެވެ.
ސަރުކާރުގެ އިސްތިޢުފާއަށް ގޮވާލައި ލުބުނާނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގައި ސަރުކާރުގެ އިދާރާތަކަށް ވަދެ އެތަންތަނަށްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ބައިރޫތުގައި ހިނގި ހިތާމަވެރި ޙާދިޘާގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭކަމަށާއި އެކަމުގެ ޙައްޤު އަދަބު ސަރުކާރުގެ އިސްވެރިންނަށް ލިބެން ޖެހޭކަމަށް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލައިފައެވެ.
މުޒާހަރާތައް ހޫނުވެ، ޢާންމުންވަނީ ލުބުނާނުގެ ޚާރިޖީ ވުޒާރާއަށް ވަދެ އެ ތަނުގައި ހުރި ރައީސް މިޝެލް އައުންގެ ފޮޓޯގަނޑެއްގައި ރޯކޮށްލައިފައެވެ. އެ މީހުން ބުނަމުން ދިޔައީ ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ އުނދަގޫ އަދި ދަތި ޙާލަތުގެ ޒިންމާ އުފުލަން ޖެހޭނީ ރައީސް އައުންކަމަށެވެ. އޭގެ އިތުރުން އެ ޤައުމުގެ ހަކަތައާބެހޭ ވުޒާރާއާއި އިޤްތިޞާދާބެހޭ ވުޒާރާއަށް ޢާންމުން ވަންނަތަން ފެންނަ ވީޑިއޯއެއްވެސްވަނީ ޢާންމުވެފައެވެ.
ބައިރޫތުގެ އެކި ސަރަޙައްދުތަކަށް އެތައް ހާސް ބަޔަކު އެއްވެ ފުލުހުންނާ ކުރިމަތިލައި ހިންގި ކުރިމަތިލުންތަކުގައި ޢާންމުންވަނީ ބަޑިބޭހާއި ގައު އުކާފައިވެއެވެ. މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ދިފާޢީ ބާރުތަކުންވަނީ ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކޮށްފައެވެ. ހަނުޖެހުންތަކުގައި ފުލުހެއް މަރުވެ ޢާންމުންގެ 200 މީހުންވަނީ ޒަޚަމުވެފައެވެ. ބައެއް ސަރަޙާއްދުތަކުގައި އަލިފާނުގެ ޙާދިޘާތައްވެސްވަނީ ހިނގައިފައެވެ.
ބައިރޫތުގައި ހުންނަ އެމެރިކާގެ ޚާރިޖީ އިދާރާއިން ބުނީ އަމާންކަމާއެކު މުޒާހަރާކުރުމަށް ލުބުނާނުގެ ރައްޔިތުންނަށް ލިބިފައިވާ ޙައްޤަށް އެމެރިކާއިން ތާއީދުކުރާކަމަށެވެ. ނަމަވެސް މުޒާހަރާކުރުމުގައި މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ނުދިނުމަށްވަނީ ގޮވާލައިފައެވެ. އެމެރިކާއިން ބުނީ ރައްޔިތުންގެ ކެކުޅުން އަޑުއަހާނެ ސިޔާސީވެރިން އެ ޤައުމަށް ބޭނުންވާކަމަށާއި ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކު ރައްޔިތުން އެދޭގޮތަށް ސަރުކާރުން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ.
ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ ޙާލަތުން އަރައިގަނެވޭނީ އާންމު އިންތިޚާބު އަވަސްކޮށްގެންކަމަށް ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިޔާބުވަނީ ވިދާޅުވެފައެވެ.