ޚަބަރު

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ ބައެއް ގެތަކަށް ފެންވަދެއްޖެ


ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

މިވަގުތު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެ އެ ރަށުގެ 5 ގެއަކަށް ފެން ވަދެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

މޫސުން ގޯސްވުމާގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ވަނީ އެމަޖެންސީ ޓާސްކްފޯހެއްވެސް އެކުލަވާލާ ޚިދުމަތް ދޭންފަށާފައެވެ. ކައުންސިލުން ވިދާޅުވީ ބައެއް ގޭގެއަށް ފެންވަނުމުގެ އިތުރުން ބައެއް ގޭގޭގެ ނަރުދަމާއިން ފެންނުދާ މައްސަލަވެސް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އުތުރަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ޔެލޯ އެލާޓް ނެރެ މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.