ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް އެކި މައްސަލަތައް ނިންމުމުގައި ފައިސާ ނަގައި އޭނާގެ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ފައިސާ ވަދެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ގޮތަށް އޭނާ މަޤާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާގޮތަށް ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުދިން 8 މެންބަރުންގެ އިއްތިފާޤުންނެވެ. މިހަފްތާގައި އޮންނަ މަޖިލީހުގެ ޖަލްސާގައި މައުސޫމް މަޤާމުން ވަކިކުރުމާއިމެދު ގޮތެއް ނިންމާނެއެވެ.
ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުއްވި މައްސަލާގައި ބުނެފައިވަނީ މަޢުޞޫމް ރިޝްވަތު ނަގާކަމަށް ހުށައެޅި މައްސަލަ ބެލިބެލުމުގައި ވަޒީފާގެ އިތުރުން އެއްވެސް އާމްދަނީގެ ލިބިފައިނުވާކަމަށް ހާމަކުރިނަމަވެސް 3 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި މައުސޫމްގެ އެކައުންޓަށް 1.4 މިލިއަން ރުފިޔާ ވަދެފައިވާކަމަށެވެ. އަދި މިފައިސާ އިސް މެޖިސްޓްރޭޓަށް ލިބުނު ގޮތެއް ސާފުކޮށްދެވިފައިނުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ވަކި މަސްމަހުގައިވެސް ބޮޑެތި އަދަދުން އިސްމެޖިސްޓްރޭޓްގެ އެކައުންޓަށް ފައިސާ ވަދެފައިވުމާއި އެކޯޓުގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ފޮނުވާ އެކި ދުވަސްދުވަހުން އެ ފައިސާ ނަގާފައިވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ބެލިބެލުމުގައި ހެކިބަސް ދިން ފަރާތަކުން އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މައްސަލަ ބެލުމުގައި ރިޝްވަތުނަގާކަން ހާމަކޮށްފައިވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.
ހއ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމާއި، އަދި ކުޅުދުށްފުށީ ކޯޓްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި ފަނޑިޔާރެއްގެ ކިބައިގައި މަސައްކަތު މާހައުލުގައި ހުރެގެން ނުވާނެ ކަންކަން ތަހުގީގަށް އިސްމެޖިސްޓްރޭޓްގެ ވާހަކައިންނާއި ހެކިންގެ ހެކިބަހުން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.