ޚަބަރު

ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ މަސައްކަތުގެ މަޢުލޫމާތު ނައިބު ރައީސް އޮޅުންފިލުއްވައިފި


ކުނިން ހަކަތަ އުފެއްދުމަށް މާލެ ސަރަޙައްދުގައި ކުރިޔަށްގެންދާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވީ އިއްޔެ ހަވީރު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. މިޒިޔާރަތުގައި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި މާލެ ސަރަޙައްދުގައި ކުރިޔަށްގެންދާ ގްރޭޓަރ މާލޭ ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓް ހިނގާ ސަރަޙައްދަށް ވަޑައިގެން، މި މަޝްރޫޢުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ޓީމާއި ބައްދަލުކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ކުނިން ހަކަތަ އުފެއްދުމަށް ކުރިޔަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތާބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ތިލަފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ގްރޭޓަރ މާލޭ ރީޖަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ސަރަޙައްދަށް ވަޑައިގެން ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރެއްވިއެވެ.

އަދި މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ވެމްކޯއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި އެކުންފުނިން މި ޚިދުމަތް ފުޅާކުރުމަށް ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭގޮތުންވެސް އެމަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ހަސަން އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.