ޚަބަރު

މިކަހަލަ ކިތަންމެ ރެއެއް ތަޖުރިބާކޮށްފިން، އެތަށް ފިލާވަޅެއް ދަސްވެއްޖެ: ލަމްޕާޑް

އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި މެޗުތަކުން ބަލިވުމުގެ ހިތި ތަޖުރިބާތައް އެތައްފަހަރަކު ކޮށްފަވާނެކަމަށާއި މާޔުސްނުވެ ކުރިޔަށް ދިޔުމަށް އެތައް ފިލާވެޅެއް ލިބުނު ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވެ މުބާރާތުން ކެޓުމުން ލަމްޕާޑު ބުނީ މެޗުގައި އޭނާއަށް ކުޅުންތެރިން ރަނގަޅު ކަންތައްތަކެއް ދަސްވެއްޖެކަމަށާއި މިއީ ކުރެވުނު ރަނގަޅު ތަޖުރިބާއެއްކަމަށެވެ. އޭނާގެ ގިނަ ކުޅުންތެރިން މި ލެވެލްގެ ފުޓްބޯޅައަށް އަދި ވަރަށް އާ ކަމަށާއި މުޅި ސީޒަންގައި އެކުޅުންތެރިން ބޮޑު ކުރިއެރުމެއް ހޯދިކަމަށް ލަމްޕާޑު ބުންޏެވެ. އަދި މުޅި ސީޒަނަށް ބަލާލުމުން ދާންވީ މިސްރާބު އެނގިއްޖެކަމަށްވެސް ލަމްޕާޑު ބުންޏެވެ.

ލަމްޕާޑް އިތުރަށް ބުނީ މެޗުގެ ނަތީޖާ ނިކުތް ގޮތުން އޭނާ އެއްވެސް ވަރަކަށް މާޔޫސްނުވާކަމަށެވެ. އެއީ މާޒީގައި މިކަހަލަ ކިތަންމެ ރެއެއް އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ތަޖުރިބާ ކުރިވެފިވުމުންކަމަށާއި، ކުޅުންތެރިއެއްގެ ގޮތުގައި 2012 ވަނަ އަހަރު މި ތަށި ބަޔާން މިއުނިކް ބަލިކޮށް ހޯދި ލަމްޕާޑު ބުންޏެވެ.

ލަމްޕާޑު ބުނީ އަދި މި ނިމުނީ ނޫންކަމަށާއި ޗެލްސީ އެނބުރި އަންނާނެކަމަށެވެ. އޭނާ ބުނީ ސީޒަންގައި ރަނގަޅު ކަންތައްތަކެއްގެ އިތުރުން ހެދުނު ގޯސްތައް ވަރަށް ރަނގަޅަށް އެނގޭކަމަށާއި ކޮންމެވެސް ކަންތައްތަކެއް މިސީޒަނުގައި ޗެލްސީން ހާސިލްކޮށްފިކަމަށެވެ. އޭނާ ބުނީ ކުރިޔަށް އޮތްތަނުގައި ޗެލްސީން އެކަންކަން އިސްލާހުކޮށް ޓީމް ހަމަމަގަށް އަޅުވައި ކުރިއެރުން ހޯދާނެކަމަށެވެ.

ޗެލްސީ ބަލިކޮށް ބަޔާން މިއުނިކް ގަދަ އަށަކުން ޖާގަ ހޯދީ 1-7 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް މިހާތަފާތު ބޮޑު ނަތީޖާކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.