ޚަބަރު

ބަލިވިޔަސް ބާސެލޯނާއަށް ބޮޑު ޕްރެޝަރެއް ދެވުނު: ގަޓޫސޯ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ބާސެލޯނާ އަތުން ބަލިވެގެން މުބާރާތުން ކެޓި ނަމަވެސް ބާސެލޯނާ އަށް ބޮޑު ޕްރެޝަރެއް ދެވުނު ކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފިއެވެ.

ދެވަނަ ލެގުގައި 3-1 ލަނޑުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ގަޓޫސޯ ބުނީ މެޗުގެ ފުރަތަމަހާފް ދިޔައީ އޭނާ އެންމެ ބޭނުންވި ގޮތަކަށް ނޫންކަމަށެވެ. އަދި މުޅި މެޗުގެ ބޮޑު ބައެއްގައި އޭނާގެ ކުޅުންތެރިން ތިބީ ނިދާފަކަމަށެވެ. އެހެންނަމަވެސް ފަހުން ކުޅުން ރަނގަޅުކޮށް ބާސެލޯނާއަށް ރަނގަޅު ޕްރެޝަރެއް ދެވުނުކަމަށް ގަޓޫސޯ ބުންޏެވެ. އޭނާ ބުނީ މެޗުގައި ފުރަތަމަ ތިންލަނޑު ބައިކޮޅަށް ވަނުމާއެކު މެޗު ނިމިއްޖެކަމަށާއި ބާސެލޯނާ ކަހަލަ ޓީމަކާ ދެކޮޅަށް އެފަދަ ނަތިޖާއެއް އަނބުރާލަން އުނދަގޫވާނެކަމަށެވެ. އޭނާ ބުނީ މެޗުގެ ކުރީ ކޮޅު ދެ ގޯލެއް ޖެހުނުނަމަ ބާސެލޯނާއަށް އެހާ ފައްސޭހަ ނުވާނެކަމަށް ގަބޫލްކުރާކަމަށެވެ.

ގަޓޫސޯ އިތުރަށް ބުނީ އޭނާ ޓީމުގައި ނަތީޖާ އަނބުރާލެވޭ ފެންވަރުގެ ރަނގަޅު ކުޅުންތެރިން ތިބިކަމަށާއި އެހެންނަމެވެސް އެއީ މިކަހަލަ ޓީމެއް ބަލިކުރަން ފުދޭ މިންވަރެއް ނޫންކަމަށެވެ. އޭނާ ބުނީ ފަހުހާފްގައި ބޮޑު ޕްރެޝަރެއްދީ ބާސެލޯނާ ހާސްކޮއްލުވުނު ކަމަށާއި ބާސެލޯނާއަށް ދެގުނައިތުރަށް ނަޕޯލީން ހަމާލަތައް އުފައްދާ ޑިފެންސަށް ނުރައްކާކުރި ކަމަށެވެ. ގަޓޫސޯ ބުނީ އޭނާއަށް އަޑުއިވުނު ގޮތުގައި މެޗުގައި ބާސެލޯނާއިން ބޭނުންކުރާނީ އެޓީމުގެ ޒުވާން ކުޅުންތެރިންކަމަށާއި އެހެންނަމެވެސް ދަނޑުމަތިން ފެނިގެން ދިޔައީ 100މިލައަން ޕައުންޑުގެ ޓީމެއްކަމަށެވެ.

މިއީ ރަނގަޅު ކުޅުމެއް ދައްކާ ނަޕޯލީން ހަދިޔާ ކުރި މޮޅެއް ކަމަށް ކުޅިންތެރިޔެއްގެ ގޮތުގައި އޭސީ މިލާން އެކު މުބާރާތް ކާމިޔާބު ކުރި ގަޓޫސޯ ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމާއި ކުޅުންތެރިނަށް އިރުޝާދު ދިނުމާ މިއީ ތަފާތު ދެކަމެއްކަމަށާއި ކޯޗެއްގެ މަގާމު މިއީ ބުރަ އުނދަގޫ މަސައްކަތެއްކަމަށެވެ.

މެޗަށްފަހު ވާހަދައްކަމުން ނަޕޯލީގެ ލޮރެންޒޯ އިންސަންގީ ބުނީ ތަފާތަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ބާސެލޯނާއިން ހިފުންކަމަށެވެ. މި ބައްޔާއެކު ނަޕޯލީއަށް ވަނީ ސީޒަން ނިމިފައެވެ. ބޭސެލޯނާއިން ގަދަ އަށެއްގެ ޖާގަ ކަށަވަރު ކުރީ ދެލެގު ނަތީޖާއިން 2-4 ލަނޑުން ކުރިހޯދައިގެންނެވެ. މިއީ ވިދިވިދިގެން ބާސެލޯނާއިން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދައަށަކުން ޖާގަ ހޯދި 13 ވަނަފަހަރެވެ. ބާސެލޯނާ މުބާރާތުގެ ގަދަ އަށެއްގައި ވާދަކުރާނީ އަންނަ ހުކުރުދުވަހުގެރޭ ޖަރުމަނުގެ ބަޔާންމިއުނިކާއި ދެކޮޅަށެވެ.