ވިޔަފާރި

ޤާނޫނަށް ގެނައި އިސްލާހާއެކު މަސްވެރިކަމުގެ ސިނާއަތަށް އުފާވެރިކަން


އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިސްލާހަށް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތެވެ. މި އިސްލާހާއެކު މަސްވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއް ތަކެތީގެ ޑިއުޓީ ވަނީ ކަނޑާލާފައެވެ. މީގެ ސަބަބުން މަސްވެރިކަމުގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ތަކެތީގެ އަގު ކުޑަވެގެންދާނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނާގޮތުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނައި ބަދަލާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ގިނަ ބައެއް ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށް އަނެއްބައި ބާވަތްތަކުގެ ޑިއުޓީ ރޭޓް ކަނޑާލާފައިވާތި މި ސިނާއަތްތައް ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ. އޭގެތެރޭގައި މަސްވެރިކަމުގެ ސިނާއަތްވެސް ހިމެނެއެވެ.

ޤާނޫނަށް ގެނައި ބަދަލާއިއެކު މަސްވެރިކަމަށް ބޭނުންކުރާ ގިނަ ބާވަތެއްގެ ޑިއުޓީ ވަނީ ކަނޑާލާފައެވެ. އެގޮތުން ކުރިން 400 އިންސައްތައިގެ ޑިއުޓީއެއް ނަގަމުން ދިޔަ މަސް ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ފިލްމާއި، ޝީޓް އަދި ޓިއުބްރޯލްގެ ޑިއުޓީ ވަނީ ކަނޑާލާފައެވެ. ފިޝް ފައިންޑަރ އަދި ނެވިގޭޝަނަލް އިކުއިޕްމަންޓުން ޑިއުޓީ ރޭޓް މިހާރު ކަނޑާލާފައިވާއިރު މީގެކުރިން މިތަކެތީގެ ޑިއުޓީ ރޭޓް އުޅުނީ 20 އިންސައްތައިގައެވެ.

ކަންވާރުއޮޅަން ގެންގުޅޭ ސްލޫޕްފަދަ މަސްވެރިކަމަށް ބޭނުންކުރާ ސާމާނުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީއެއް ނުނަގާނެއެވެ. ނަމަވެސް ކުރިން މިތަކެތިން 20 އިންސައްތައިގެ ޑިއުޓީއެއް ދިޔައީ ނަގަމުންނެވެ. މަސްވެރިކަމުގައި ބޭނުންކުރާ ދާ ނުވަތަ ނެޓުން ކުރިން ނަގަމުން އައި 15 އިންސައްތައިގެ ޑިއުޓީ ކަނޑާލައި، މަސްބާނާ ދޮށި އަދި އޮނު ދޮށިން ނަގަމުން ދިޔަ 25 އިންސައްތައިގެ ޑިއުޓީވެސް ވަނީ މި އިސްލާހާއެކު ކަނޑާލާފައެވެ. މީގެއިތުރުންވެސް އައުޓް ބޯޑް އަދި އިންބޯޑް މެރިން ޑީސަލް އިންޖީނާއި އޭގެ ބައިތަކުންވެސް މިހާރު ޑިއުޓީ ވަނީ ކަނޑާލާފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ މި ބަދަލާއިއެކު އަހަރެއްގެ މައްޗަށް މަސްވެރިކަމުގެ ސިނާޢަތަށް އެތެރެކުރާ 91 މިލިއަން ރުފިޔާގެ މުދަލުން ޑިއުޓީ އުނިވެގެންދާނެކަމަށެވެ. މީގެ ސަބަބުން މުދާ ރައްޔިތުންނަށް ލިބިގެންދާއިރު އަގު ހެޔޮވެގެންދާނެކަމަށް ކަސްޓަމްސައިން ވިދާޅުވެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދީގެން ކުރިއަރުވަން މަސައްކަތްކުރާ ސިނާއަތެކެވެ. ހާއްސަކޮށް ކޯވިޑް19އާ ގުޅިގެން ހަމައެކަނި ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި މަސްވެރިކަމަކީވެސް އިޤްތިޞާދަށް ފައިސާ ވަންނަ މުހިއްމު ސިނާއަތަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ މި ދާއިރާއަށް ޙާއްސަކޮށްގެން ލޯނުވެސް ދޫކުރަމުންނެވެ. މީގެއިތުރުން ޒުވާނުން މިދާއިރާއަށް ޝައުޤުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ތަމްރީން ވެސް އަންނަނީ ދެމުންނެވެ. އަދި އައު ވައްތަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ުމުޙައްމަދު އިބްރާހީމް

ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ޑިޔުޓީ ކަނޑާލީމާ ތަކެތީގެ އަގު ވީބޮޑު.

އައްޔަަ

މަސްވެރިން ނަށް ތިއިން އެއްވެސް އަސަރެއް ކުރާނީ ސަރުކާރުން އަގު ކޮންޓްރޯލް ކުރުމުން ، ތިއީ ވިޔަފާރި ވެރިންނަށް ލިބުނު ފައިދާ އެއް. ފިޔާ ،އަލުވި އަދި ބިސް ގޮތަށް ހުރިހާ އެއްޗެއް ގެ އެއްމެ މަތީ އަގު ސަރުކާރުން ކަނޑައަޅަން އެބަޖެހޭ

ޥަޒީރު

މަސްވެރިބކަމުގެ ސާމާނު ވިއްކާ ތަންތަނ7ން އަގެއް ކުޑަ އެއް ނުވޭ. ކިހިނެއް ކޮންމެ ދޯނިއަކުން ތަކެތި އެތެރެ ކުރާނީ.