ވިޔަފާރި

ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގެ ހުއްދަ 47 ސަފާރީއަކަށް ދީފި


ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 47 ސަފާރީއަަކަށް ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ 47 ސަފާރީގެ ތެރެއިން 43 ސަފާރީއެއް މިހާރު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެެވެ. އަދި ދެން އޮތް 4 ސަފާރީންވެސް މިމަހު ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެެ.

މިދިޔަމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު، ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ނަމަވެސް ހުއްދަ ލިބެނީ ސަރުކާރުން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ފެތޭ ތަންތަނަށްށެވެ.

ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ސަފާރީތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދެމުންދާއިރު، ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށްބަލާއިރު، ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރުވަނީ 13 ތަނަކަށް ހުއްދަ ދީފައެެވެ. މީގެތެރޭގައި މާލޭގައި ހިންގާ 7 ތަނަކާއި، ހުޅުމާލޭގައި ހިންގާ 5 ހޮޓަލެއްގެ އިތުރުން ހުޅުލޭ އައިލެންޓު ހޮޓެލް ހިމެނެއެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 67 ރިސޯޓެއް އަލުން ހުޅުވާ ޙިދުމަތް ދޭން ވަނީ ފަށާފައެވެ. ރާއްޖޭގައި ގާތްގަނޑަކަށް 166 ރިސޯޓެއް ހިންގާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަހުވެސް 32 ރިސޯޓެއް ވަނީ ހުޅުވާފައެެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކާއި ހޮޓެލްތައް ހުޅުވުމަށް ހުއްދަ ދޭނެ ވަކި ތާރީޙެއް ސަރުކާރުން އަދި އިޢުލާންކޮށްފައެެއް ނުވެއެވެ. އެހެންނަމަވެސް އަންނަމަސް ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލެވޭ ވަރުވާނެކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ. އަދި މިއާއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ.