ޚަބަރު

އައްޑޫ ސިޓީން އަނެއްކާވެސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


އައްޑޫ ސިޓީގަ ހޯމް ކަރަންޓީނުގަ ހުރި ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެވަނަ މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. މިކަމާއި ގުޅިގެން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، މިމީހާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުގައި ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކޮށްފަ ހެދި ޓެސްޓުންނެވެ. އޭނާ ހޯމް ކަަރަންޓީނުގައި ހުރީ ހިތަދޫގައި ކަމަށް އިކުއަޓޯރިއަލް ހޮސްްޕިޓަލުން މަޢުލޫމާތުދެއެވެ.

ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހާއަކީ އައްޑޫ ހައިސްކޫލުގެ ހޯލު ހެދުމަށް އައިސްތިބި ކުންފުނީގެ މުވައްޒަފެއް ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫސިޓީން ދެވަނަ ކޭސްއެއް ފެނިފައިވާއިރު، ރޭގެ ވަގުތެއްގައި ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ މާލޭގައި ނެގި ރެންޑަމް ސާމްޕަލްގެ ނަތީޖާއިން ކަމަށް އިކުއަޓޯރިއަލް ހޮސްްޕިޓަލުން މަޢުލޫމާތުދެއެވެ.

މިފަހުން މާލެއިން ރަށްރަށަށް ދަތުރު ކުރާ ފަރާތްތައް މިބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މިކަމާއި ގުޅިގެން ހޯމް ކަރަންޓީނު އުސޫލަށް އެޗްޕީއޭއިން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މާލެއިން ރަށްރަށަށް މިހާރު ޟަރޫރީ ބޭނުންތަކުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.