ޚަބަރު

ހެލްތާއި އެޗްޕީއޭގެ މަސައްކަތްތަކާއި މެދު މަޖިލީހުން އާއްމުންގެ ޚިޔާލު ހޯދަނީ


ކޯވިޑް-19 ގެ ޕެންޑެމިކްއާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ޚިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ ކޯވިޑް-19 ގެ ޕެންޑަމިކްގެ ކަންކަމާއި ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން އާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ޞިއްޙީ ދާއިރާގެ ކަމާގުޅޭ ބޭފުޅުންނާއި ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން، މިހާތަނަށް ކޯވިޑް-19 އާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ޢަމަލުކުރަމުން ގެންދަވާ އުސޫލުތަކާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާގޮތުގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ
ކުރިން ކޮމިޓީގެ އީ.މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދޭކަމުގައިވެސް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ކުރިން ސިއްޙީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުން ތަކެއް، ހާޟިރުވެ ސިއްޙީ ދާއިރާ އާއި ގުޅޭ ގޮތުން އެބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި ރައީސް ޔާމީނުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓެރިއަކަށް ހުންނެވި، ހަދީޖާ އަބްދުއްސަމަދާއި، ކުރީގެ ހެލްތު ވޯކަރު ހަފީޒާ އަލީ އާއި ޑރ. އިސްހާގް ޝަފީގާއި، އިތުރު ދެބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

މީގެ ކުރިންވެސް މަޖިލީހުން ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއްވެސް ބާއްވާފައެވެ.