ޚަބަރު

ޖަލުތަކަށް އެތެރެކުރި 44 ފޯނަކާއި 38 ސިމް ކާޑު ޖުލައިމަހުވެސް އަތުލައިގަތް


ރާއްޖޭގެ ޖަލުތަކަށް ޤަވާއިދާ ޚިލާފަށް އެތެރެކުރި 44 މޯބައިލް ފޯނަކާއި 38 ސިމް ކާޑު މިދިޔަމަހު އަތުލައިގެންފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް މިދިޔަމަހު ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސާމާނާއި، ޤައިދީންނަށް ފޯރުކޮށްދިން ޞިއްޙީ ފަރުވާގެ ކަންކަމާއި، އޯޑިއޯއާއި ވީޑިއޯ ކޯލުކުރުމަށް ޤައިދީންނަށް ފުރުޞަދުދެވުނު މިންވަރު އެނގޭނެހެން ޖުލައިމަހުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

ކަރެކްޝަނަލްއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަމަހު 34 މީހަކު ޖަލަށް އަލަށް ލާފައިވެއެވެ. އޭގެ ތެރޭގައި ހުކުމް އިއްވާފައިވާ 16 މީހަކާއި، މިހާރުވެސް ޝަރީޢަތް ކުރިއަށްދާ 18 މީހަކު ހިމެނެއެވެ. ހުކުމް އިއްވާފައިވާ މައްސަލަތަކުގެ ތެރޭގައި ނިސްބަތުން ގިނައީ ފޭރުމާއި ވައްކަމާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކެވެ.

ކަރެކްޝަނަލްގެ ބެލުމުގެ ދަށުގައިވާ 3 ޖަލަކުން ޖުލައިމަހު ވަނީ ވެއްދުން މަނާތަކެތި ހޯދާފައެވެ. އެއީ މާފުށީ ޖަލާއި، މާލޭ ޖަލު އަދި އައްސޭރި ޖަލުންނެވެ. މީގެ ތެރެއިން އެންމެ ގިނަ ސާމާނު ހޯދާފައިވަނީ މާފުށީ ޖަލުންނެވެ. އެގޮތުން މާފުށީ ޖަލުން ވަނީ 21 މޯބައިލް ފޯނާއި، 14 މޯބައިލް ފޯނު ޗާޖަރާއި، 34 ސިމް ކާޑުގެ އިތުރުން، 229.18 ގްރާމުގެ މަސްތުވާތަކެއްޗާއި، 1 ފޯނު ހެޑްސެޓު ކަރެކްޝަނަލްއިން ވަނީ އަތުލައިގެންފައެވެ. މާލޭ ޖަލުން 13 މޯބައިލް ފޯނަކާއި، 4 ސިމް ކާޑަކާއި، 2 ފޯނު ހެޑްސެޓާއި، 8 ފޯނު ބެޓަރީ ހޯދާފައި ވާއިރު، އައްސޭރި ޖަލުން 10 މޯބައިލް ފޯނާއި 5 މޯބައިލް ފޯނު ޗާޖަރު މިދިޔަމަހު ވަނީ ހޯދާފައެވެ.

ޖުލައިމަހުގެ ޤައިދީންނަށް އޯޑިއޯ އާއި ވީޑިއޯ ކޯލުކުރުމަށް އެންމެ ގިނައިން ފުރުޞަތު ދީފައިވަނީ މާފުށީ ޖަލުގެ ޤައިދީންނަށެވެ. އެގޮތުން މާފުށީ ޖަލުން 2846 އޯޑިއޯ ކޯލު އަދި 69 ވީޑިއޯ ކޯލުކުރުމަށް ފުރުޞަތުދީފައިވެއެވެ. މީގެ ތެރޭގައި އާއިލީ ބައްދަލުވުންތަކުގެ ގޮތުގައި 2767 އޯޑިއޯ ކޯލެއް ކުރުމަށާއި، 17 ވީޑިއޯ ކޯލެއް ކުރުމަށް ފުރުޞަތު ދީފައިވެއެވެ. އަދި ލޯޔަރުންނާއި ބައްދަލުކުރުމަށް 36 އޯޑިއޯ ކޯލަކާއި 4 ވީޑިއޯ ކޯލެއް ކުރުމުގެ ފުރުޞަތުދީފައިވެއެވެ. އަދި ކޯޓުގައިތަކުގައި ކުރިއަށްދާ ޝަރީޢަތްތަކާއި ގުޅިގެން 46 ވީޑިއޯ ކުރުމަށްވެސް ފުރުޞަތުދީފައިވެއެވެ.

މާލެ ޖަލުން އާއިލީ ބައްދަލުވުންތަކަށް 384 އޯޑިއޯ ކޯލު ކުރުމަށާއި، 6 ވީޑިއޯ ކޯލެއް ކުރުމުގެ ފުރުޞަތުދީފައި ވާއިރު، ލޯޔަރުންނާއި ބައްދަލުކުރުމަށް 13 ވީޑިއޯ ކޯލު ކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި އައްސޭރި ޖަލުން އާއިލީ ބައްދަލުވުންތަކުގެ ގޮތުގައި 266 އޯޑިއޯ ކޯލެއް ކުރުމަށާއި، އެއް ވީޑިއޯ ކޯލު ކުރުމަށް ފުރުޞަތުދީފައިވާއިރު، ހުޅުމާލޭ ޖަލުން އާއިލީ ބައްދަލުވުންތަކަށް 151 އޯޑިއޯ ކޯލެއް ކުރުމުގެ ފުރުޞަތު މިދިޔަ މަހު ކަރެކްޝަނުންދީފައިވެއެވެ.

ޤައިދީންނަށް ފޯރުވައިދިން ޞިއްޙީ ފަރުވާއަށް ބަލާލާއިރު، ޖެނެރަލް ކޮންސަލްޓޭޝަންގެ ގޮތުގައި 890 ހުށަހެޅުމެއް ލިބިފައިވާއިރު، އެ ހުރިހާ އެންމެންވެސް ކަރެކްޝަންސްއިން ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި ސްޕެޝަލިސްޓް ކޮންސަލްޓޭޝަނަށް 60 މީހަކު އެދިފައިވާއިރު، އޭގެ ތެރެއިން ޑޮކްޓަރަށް ދައްކާފައިވަނީ 4 މީހެކެވެ. 3 ޤައިދީއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާއިރު، 4 ޤައިދީއެއްގެ ސްކޭންކުރުމާއި، އެމް.އާރް.އައި އަދި އެހެނިހެން ތަޙްލީލުތައް ހަދާފައިވެއެވެ. މީގެ އިތުރުން، 4 ޤައިދީއަކަށް އިމަރޖެންސީގައިވެސް ފަރުވާދީފައިވާކަމަށް ކަރެކްޝަނަލްއިން ވިދާޅުވެއެވެ.