ތަޢުލީމު

މޮރޮކޯއިން ރާއްޖެއަށް އަހަރަކު ސްކޮލަރޝިޕްގެ 20 ފުރުޞަތު ދެނީ


މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން އެޤައުމުގެ ޔުނިވަރސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލަރޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.

މިފުރުސަތުތައް އިތުރުކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި އެޤައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެންނެވެ. 

މޮރޮކޯ ސަރުކާރުން މީގެކުރިން ރާއްޖެ ދެމުން އައިސްފައިވަނީ އަހަރަކު 5 ސްކޮލަރޝިޕެވެ. އެހެން ނަމަވެސް މޮރޮކޯ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލަރޝިޕް 20 ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި ސްކޮލަރޝިޕްތައް ޚާއްސަކޮށްފައިވަނީ ސައިންސާއި، ފަންނީ އަދި އިޤްތިޞާދީ ދާޢިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި، އަރަބިކް ލެންގުއެޖް އަދި ލިޓްރެޗަރގެ ދާއިރާތަކުންނެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލައިގެން ކުރިއަށްގެންދާނެއެވެ. 

މޮރޮކޯއަކީ ދިވެހިރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ އަޚުވަންތަ ޤައުމެކެވެ. އެގޮތުން، މިނިސްޓަރ ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދިވެހި ތާރީޚުގައިވެސް ދިވެހި ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުން، މިދަތުރުފުޅުވެގެން ގޮސްފައިވަނީ މޮރޮކޯއާއި ދިވެހިރާއްޖެއާ ދެމެދު ވާ ގާތްގުޅުމަށް އިތުރުވި ބޮޅަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރމާބެހޭގޮތުންނާއި، ތަރައްޤީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން ވަނީ މަޝްވަރާތައްކުރެވިފައެވެ. ހަމައެއާއެކު މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު 4 ބައިލެޓްރަލް އެގްރީމެންޓެއްގައި ސޮއިކުރެވުނެވ.