ޚަބަރު

ހޮންގުކޮންގުގެ އިސްވެރިންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި


ހޮންގުކޮންގުގެ އިސްވެރިޔާ ކެރީ ލާމްއާއި ފުލުހުންގެ މިހާރާއި ކުރީގެ އިސްވެރިންނާއި އިތުރު 8 މީހަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

ޖުމްލަ 11 މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ހޮންގުކޮންގުގައި ޗައިނާއިން ޤައުމީ ސަލާމަތާބެހޭ ޤާނޫނު ތަންފީޒުކުރުމާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ސޮއިކުރެއްވި ރިޔާސީ އަމުރުގެ ދަށުންނެވެ. އެގޮތުން ފުލުހުންގެ ކޮމިޝަނަރު ކްރިސް ތަންގާއި އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި ސްޓެފަން ލޯއާއި ހޮންގުކޮންގުގެ ސަލާމަތާބެހޭ ވަޒީރު ޖޯލީ ކާ ޝިއުގެ އިތުރުން އަދުލުއިންސާފާބެހޭ ވަޒީރު ތެރީސާ ޗަންގާ ދެކޮޅަށް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކު ޕޮންޕެއޯ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ނިންމީ 1997ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާރުގެ ދަށުން ޗައިނާގެ ބާރުގެ ދަށަށް ހޮންގުކޮންގު ބަދަލުކޮށް އެ ޤައުމުގައި އަމިއްލަ ވެރިކަމެއް ޤާއިމުކުރުމުގެ ފުރުޞަތު ދިނުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުންނެވެ.

ޗައިނާއިންވަނީ އެމެރިކާގެ ނިންމުން ކުށްވެރިކޮށްފައެވެ. އެމެރިކާގެ ނިންމުމަކީ ތާކުންތާކުނުޖެހޭ ނިންމުމެއް ނޫންކަމަށާއި އެ ޤައުމުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރިއަށް އަސަރުކުރުން އެކަށީގެންވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.