ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވާ މީހުންނަށް ވެނެޒުއެލާގެ ބޮޑެތި އަދަބުތަކެއް ދޭކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނެފިއެވެ.
ވެނެޒުއެލާގެ ބަލިކަށި ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުން އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 24،166 މީހުންނަށް ކޯވިޑް-19 ޖެހި، 208 މީހުންވަނީ މަރުވެފައެވެ. ނަމަވެސް ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.
މާރިޗު މަހުގެ ތެރޭގައި ވެނެޒުއެލާ ފުރަބަންދުކުރުމުން ޢާންމުން މާސްކުގެ ބޭނުންކުރޭތޯ ޔަޤީންކުރުމަށާޢި އެއްތަނުން އަނެއްތަނަށް ދިއުން މަދުކުރުމަށް އެ ޤައުމުގެ ދިފާޢީ ބާރުތަކުން ޙަރަކާތްތެރިވެއެވެ. ބޭރަށް ނުކުތުން މަނާ ވަގުތުތަކަށް ޢާންމުން ތަބާވޭތޯ ބެލުމަށް މަގުމަތި ބެލެހެއްޓުމުގައިވެސް ފުލުހުން ޙަރަކާތްތެރިވެއެވެ.
ވެނެޒުއޭލާގައި އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވާ މީހުންނަށް ދެމުންދާ ބައެއް އަދަބުތަކުގެ ތެރޭގައި ގަދަ އަވީގައި ބޭތިއްބުމާއި ޖިސްމާނީ ކަސްރަތުތައް ކުރުވުމާއި އަނިޔާކުރުން ހިމެނޭކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ. އެގޮތުން ބޭރުގައި އުޅޭ ވަގުތު މޫނު ފޮހެލުމަށް މާސްކު ނެގުންފަދަ ޢަމަލަކަށްވެސް ޢަދަބެއްގެ ގޮތުން ގަދަ އަވީގައި ބައިތިއްބައެވެ. އޭގެ އިތުރުން ސަފުހެދުމުގައި ގޯހެއް ހެދިއްޖެނަމަ ނުވަތަ މަނާ ވަގުތެއްގައި ބޭރަށް ނުކުމެއްޖެނަމަވެސް އެފަދަ އަދަބުތައް ދެއެވެ.
ބޭރުގައި އުޅުން މަނާ ވަގުތެއްގައި ބޭރަށް ނުކުތުމުގެ ސަބަބުން އަދަބެއްގެ ގޮތުގައި ބޭރަށް ނުނިކުންނާނެކަމަށް ބުނުވާ އުނދަގޫ ކަސްތަރުތައް ކުރުވާ މަންޒަރު ފެންނަ ވީޑިއޯތައްވަނީ މީސްމީޑިޔާގައި ޢާންމުވެފައެވެ. އެފަދަ ބައެއް ވީޑިއޯތަކުގައި ޢާއްމުންނަށް ޖިސްމާނީ އަނިޔާކުރާ މަންޒަރުވެސް ފެނެއެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަސްކަރީ ބާރުގެ ބޭނުންކުރާ މިންވަރު އެ ހާދިޘާތަކުން ހާމަކޮށްދޭކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވެނެޒުއެލާގެ ދިފާޢީ ބާރުތަކަކީ މީގެ ކުރިންވެސް ލާއިންސާނީ އަނިޔާކުރުމާއި ޤާނޫނުގެ ބޭރުން މީހުން މަރައި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާކަމުގެ ތުހުމަތުތައް ރައްދުވާ ބައެކެވެ.
ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަސްކަރިއްޔާ ޢަދާކުރަމުންދާ ދަޢުރު ފާހަގަކުރައްވައި މަދޫރޯވަނީ ޝުކުރު ޢަދާކުރައްވައިފައެވެ. އެ ޤައުމުގެ ދިފާޢީ ބާރުތަކުގެ އަގުވައްޓާލުމަށް ބައިނަލްއަޤުވާމީ މަސައްކަތްތަކެއް ކުރަމުންދާކަމަށް މީގެ ކުރިން އޭނާވަނީ ތުހުމަތުކުރައްވައިފައެވެ.
އިދިކޮޅު ސިޔާސީވެރިޔާ ހުއަން ގުއައިދޯގެ ޞިއްޙީ މުޝީރެއްކަމަށްވާ ހޯސޭ މަނުއަލް އޮލިވަރެސް ވިދާޅުވީ ދިފާޢީ ބާރުތަކުގެ ޢަމަލުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަނިޔާއެއް ލިބިދާނެކަމުގެ ބިރަށް ބަލީގެ އަލާމަތްތައް ހުންނަ މީހުން ކަމާބެހޭ އިދާރާތަކަށް އެކަން ނޭންގުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.