ޚަބަރު

ރަޝިޔާއިން ކޯވިޑް-19އަށް ވެކްސިނެއް އުފައްދައިފި


ކޯވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭ ވެކްސިނެއް ފުރަތަމަ ފަހަރަށް ރަޝިޔާއިން އުފައްދާފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާގެ ގަމަލައި ސެންޓަރުން އުފައްދާފައިވާ ވެކްސިންގެ ތަހުލީލުތަކުގެ ތިންވަނަ އަދި އެންމެ ފަހު މަރުޚަލާ ކުރިއަށްދާކަމަށާއި އެއީ ރައްކާތެރި ވެކްސިނެއްކަން ޔަޤީންކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ވެކްސިން ދަފުތަރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ސަރުކާރުން ދިރާސާކުރަމުންދާކަމަށް އެ ވުޒާރާއިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ދޭން ޚާއްޞަ ޙަރަކާތެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ރަޝިޔާގެ ސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ. އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ވެކްސިން ދިނުމުގައި އިސްކަންދޭނީ ޞިއްޙީ ޚިދުމަތްތެރިންނަށާޢި ދުވަސްވީ މީހުންނަށްކަމަށެވެ. ޢާންމުންނަށް ވެކްސިން ދިނުމުގެ ހުރިހާ ޚަރަދަކާ ޙަވާލުވާނީ ސަރުކާރުންނެވެ.

ރަޝިޔާއިން އުފެއްފި ވެކްސިން ތައްޔާރުކޮށްފައިވަނީ ރޯގާ ޖައްސާ އެޑެނޯވައިރަހުގެ މައްޗަށް ބިނާކޮށެވެ. ވެކްސިންގައި ހިމެނޭ ޕުރޮޓީންތަކުން ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހަށިގަނޑުގައި ނަކަލުކޮށް އެއާ ދެކޮޅަށް ދިފާޢީ މަސައްކަތްތައް ކުރެއެވެ.
އިންސާނުން ބޭނުންކޮށްގެން ވެކްސިން ތަހުލީލުކުރުމުގެ މަސައްކަތް މޮސްކޯގެ ސެޗެނޮފު ޔުނިވާސިޓީގައި ފެށީ ޖޫންމަހުގެ 18ވަނަ ދުވަހުއެވެ. އެ ތަހުލީލުތަކުގައި 38 މީހުންވަނީ ބައިވެރިވެފައެވެ. އެ ތަހުލީލުންވަނީ ވެކްސިނުގެ ރައްކާތެރިކަން ޔަޤީންކުރެވިފައެވެ. އަދި ވެކްސިނުންވަނީ އެ މީހުން ކޯވިޑް-19ން ރައްކާތެރިކޮށްދީފައެވެ.

ރަޝިޔާއިން ވެކްސިން ތައްޔާރުކުރަން ކުރު މުއްދަތެއް ނެގުމުން ހުޅަނގުގެ ބައެއް ޤައުމުތަކުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ނަމަވެސް ސެޗެނޮފު ޔުނިވަސިޓީން ބުނީ ފާއިތުވި 20 އަހަރު ދުވަހު ވައިރަހުގެ ޒަރިއްޔާއިން ބަލި ފެތުރޭ ގޮތް އެ ޤައުމުގައި ދިރާސާކޮށްފައިވާކަމަށެވެ. އެހެންކަމުން ދިރާސާކުރުމުގައި އެހެން ޤައުމުތަކަށްވުރެ ކުރީގައި އެ ޤައުމު އޮތްކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޤައެމުކަމަށްވާ ރަޝިޔާގައި 877،135 މީހުންނަށް ކޯވިޑް-19 ޖެހި، 14،725 މީހުންވަނީ މަރުވެފައެވެ. އެ ޤައުމަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ޤައުމެވެ. ރަޝިޔާގެ އިތުރުން އެހެން ޤައުމުތަކުންވެސް ދަނީ ވެކްސިނެއް ތައްޔާރުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތާއި އެމެރިކާއިންވަނީ އެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.