ވިޔަފާރި

އުރީދޫން ސްމާޓްސިޓީ ތަޢާރަފްކޮށްފި


އުރީދޫ އިން ސްމާޓް ސިޓީ ރާއްޖެ އަށް ތަޢާރަފްކޮށްފިއެވެ.ސްމާޓް ސިޓީ އަކީ އިދާރީ ހިންގުންތަކާއި  ސެކިއުރިޓީ މައްސަލަތައް ޙައްލުކުރުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރަމުންގެންދާ ސަރަޙައްދުތަކެވެ.އޭގެ ތެރޭގައި މޮބައިލް، ދަތުރުފަތުރުގެ ނިޒާމް، ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދިނުން، އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތައް ހިމެނެއެވެ. ސްމާޓް ސިޓީ އިފްތިތާޙްކޮށްދެއްވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް އަހުމަދު އަދީބް ޢަބްދުލްޣަފޫރާއި އުރީދޫގެ ޗެއަރމަން ޚާލިދު އަލް މަޙްމޫދާއި ސީއީއޯ ވިކްރަމް ސިންހެވެ.ސްމާޓް ސިޓީގެ ދަށުން އުރީދޫ އިން މިއަދު ވަނީ އައިޖީއެމްއެޗް، ފެރީ ޓާމިނަލްތައް، އަދި ޔޫތް ސެންޓަރު ފަދަ އާންމު ޚިދުމަތްދޭ ތަންތަނުގައި މުޅިން ހިލޭ ވައިފައިގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފަ. "ފްރީ ވައިފައި ސަރވިސް" ގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ދުވަހަކު 50 އެމްބީގެ ހިލޭ ޑޭޓާ މެދުވެރިކޮށް ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.ސްމާޓް ސިޓީ ތަޢާރަފްކުރުމުގެގޮތުން އުރީދޫ އިން ވަނީ މާލޭގެ އާންމު ހިސާބުތަކުގައި "އުރީދޫ ވައިފައި ހޭންގްއައުޓް އޭރިއާ"ގެ ޚިދުމަތްވެސް ދޭން ފަށާފައެވެ. މީގެތެރޭގައި ހޮސްޕިޓަލްތައް، ފެރީ ޓާމިނަލް، ޔޫތް ސެންޓަރ އަދި މަޝްހޫރު ކެފޭ ތަކުން ހެޔޮ އަގެއްގައި މިޚިދުމަތް ލިބޭއިރު، އެކުންފުނީގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭނުން ސްޕީޑެއްގައި ވައިފައި ހޮޓްސްޕޮޓް ތައް މެދުވެރިކޮށް އެދެވިގެންވާ ސްޕީޑް އަދި އެކަށޭނެ އަގެއްގައި އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަޢާރަފްކުރަމުންގެންދާނެކަމަށް އުރީދޫ އިން ބުނެއެވެ.ސްމާޓް ސިޓީގެ ޚާއްސަ ޕްރޮމޯޝަންގެ ދަށުން ޤާއިމުކުރެވިފައިވާ އުރީދޫގެ ކޮންމެ ވައިފައި ހޭންގްއައުޓް އޭރިއާއެއްގައިވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިލޭ ވައިފައިގެ ޚިދުމަތް ލިބޭނެކަމަށް އުރީދޫ އިން ބުނެއެވެ.މީގެ އިތުރަށް ސްމާޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކިޔަވާ ކުދިންގެ އިންޓަރެކްޓިވް ލާރނިންގ އެކްސްޕީރިއަންސް އިތުރުކުރުމުގެ ގޮތުން އިސްކަންދަރު ސްކޫލްގައި ޓެލެސެންޓަރއެއް ޤާއިމުކޮށް، އެޑިޔުކޭޝަނަލް ވެބްސައިޓްތައް މުޅިން ހިލޭ ބޭނުންކުރެވޭ ގޮތަށްވެސް އުރީދޫ އިން ވަނީ ހަމަޖައްސާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ނައިބު ރައީސް އަޙުމަދު އަދީބް ވިދާޅުވީ ސްމާޓް ސިޓީގެ ތަސައްވަރު ރާއްޖެއަށް ތަޢާރަފްކުރުމުގައި އުރީދޫގެ މަސައްކަތް ފާހަގަކުރައްވާކަމުގައެވެ. އަދި އާޓެކްނޮލޮޖީއަކީ މުޅި އާބާދީގެ ވަރަށް ބޮޑު ބަޔަކަށް، ޚާއްސަކޮށް ޒުވާނުންނާއި، ކުޑަކުދިންނަށް މުހިއްމު ބައެއްކަމަށާ، ސްމާޓް ޓެކްނޮލޮޖީތަކާއި ދިވެހިން ގުޅުވައިދިނުމުން، މުޖުތަމަޢުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް އުފެއްދުންތެރި ޙައްލުތައް ލިބި، ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.އުރީދޫގެ ޗެއަރމަން ޚާލިދު އަލް މަޙްމޫދް ވިދާޅުވީ ސްމާޓް ސިޓީ ޓެކްނޮލިޖީ އަކީ އިންސާނުންގެ ހަޔާތަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނުވަދޭނެ ވަސީލަތެއްކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ތަރައްޤީއަށް ވެދެވޭ ވަރަށްބޮޑު އެހީއެއްކަމުގައެވެ.އުރީދޫން ބޭއްވި ސްމާޓް ސިޓީ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ސްމާޓް ސްކޫލް، ސްމާޓް ހޯމްސް، ސްމާޓް އޮފީސް އަދި ސްމާޓް ސަރވެލަންސް ސިސްޓަމްތަކާއި އުރީދު ކަސްޓަމަރުން ގުޅުވައިދޭނެ ތަފާތު ސްމާޓް ސޮލިއުޝަންތައް ދައްކާފައިވެއެވެ. އަދި އިންޓަނެޓް އޮފް ތިންގްސް، އައިއޯޓީ އަދި މެޝިން ޓު މެޝިން، އެމް2އެމް ޚިދުމަތްތައް ބޭނުންކޮށްގެން  ކުންފުނިތަކުގައި ބޭނުންކުރާ މެޝިންތަކުގެ މެދުގައި ނުވަތަ ސެންޓަރ ކޮމާންޑް ސެންޓަރަކާއި ގުޅުވައިދީގެން ކުންފުނީގެ މަސައްކަތްތައް އޮޓޮމޭޓްކުރެވޭނެގޮތް ފަހިވެގެންދާނެކަމަށް އުރީދޫ އިން ބުނެއެވެ.