ޚަބަރު

ޙައްޤުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ދައުލަތުގެ ތިންބާރުން ހެޔޮ އެދިގެން ކުރަންޖެހޭކަމެއް - އޭޖީ


ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ދައުލަތުގެ ތިންބާރުން ހެޔޮއެދިގެން ކުރަންޖެހޭ ކަމެއްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ ތަސްދީޤްކޮށް ޢަމަލުކުރަންފެށިތާ 12 އަހަރުފުން ފާހަގަކުރައްވާ ދައުލަތުގެ ބަންޑާރަ ނާއިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި، ޤާނޫނު ހަދާ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތިން ބާރު ވަކިވެފައިވާ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރެވި ޤާނޫނުއަސާސީއެވެ. ދީމުޤްރާތީ ވެއްޓެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް މިޤާނޫނުއަސާސީގައި ކަށަވަރުކޮށްދެއްވާފައިވެއެވެ.

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް މިޤާނޫނުއަސާސީގައި ބަޔާންކުރައްވާފައިވެއެވެ. އަދި މިޤާނޫއަސާސީއަކީ ދުނިޔޭގެ ޤައުމުތަކުގައި ލިޔެ ޢަމަލުކުރަމުންދާ ޤާނޫނު އަސާސީތަކުގެ ތެރެއިން ރައްޔިތުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދޭ އެއް ޤާނޫނުއަސާސީކަމަށް ޤާނޫނީ މާހިރުން ވިދާޅުވަމުން ގެންދަވައެވެ.