ޚަބަރު

ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށަށް ގެއްލުންވެއްޖެ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެއެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުންވެފައިވާ ރަށްރަށުގެ ތެރެއިން ޅ.ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ 6 ގެޔަކަށް ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެލުންތަކެއް ވަނީ ވެފައެވެ. އަދި ޅ.ނައިފަރަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 4 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މީގެ އިތުރުން އެއަތޮޅު ހިންނަވަރުގެ 3 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މިތިންރަށުގެ ފެން ހިންދުމަށާއި ޢާއްމުންނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންވަނީ ޙަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފްގެ ޓުވީޓް

މީގެ އިތުރުން އެންމެ އުތުރުގެ ބައެއް ރަށްރަށަށްވެސް ގެއްލުން ވެފައިވޭ. މިއަދު ހެނދުނު ހދ.ކުޅުދުއްފުށީ ގެއެއްގެ ފުރާޅުން ބައެއް ނެއްޓި ގެއްލުންވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ އެހީތެރިވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

އެމްއެންޑީއެފް ޓުވީޓް

ޕީއެސްއެމް ނިއުސްއަސް މަޢުލޫމާތުދެއްވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކްރީ ވިދާޅުވީ މިއަދުގެ މިހާތަނަށް ވާރޭ ވެހި ފެން ބޮޑުވެގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވަނީ ޅ.ކުރެންދޫން އެކަނިކަމަށެވެ. އެހެންނަމަވެސް، މިއަދުގެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް ރަށްރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ ހިނދެއްގައި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ. އެގޮތުން ފެންބޮޑުވެގެން ގެއްލުންވާނެފަދަ މުދާ އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭ އިލްތިމާސް ކުރައްވައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް އެފަރާތުން އިލްތިމާސްކުރައްވައެވެ.

މިއަދު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަކަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، އެވަރެޖްކޮށް ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ 5 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސް ކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުތަކުން ދަތުރުކުރާ ފަރާތްތަކުން، ޚާއްސަ ސަމާލްކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.