ޚަބަރު

ފަރަންސޭސިވިލާތުގެ ރައީސް ލުބުނާނަށް، ޢާންމުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް


ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ނުރައްކާތެރި ގޮވުންތަކެއް ގޮވައި ބޮޑެރި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން އެ ޤައުމަށް ޒިޔާރަތްކުރައްވައިފިއެވެ.

ބައިރޫތުގެ ގުދަނެއް ގޮވައި 137 މީހުން މަރުވެ، 5،000 މީހުންވަނީ ޒަޚަމުވެފައެވެ. އެ ޙާދިޘާގައި ބައިރޫތުގެ މައި ބަނދަރު ހުންނަ ސަރަޙައްދުވަނީ ބިމާ ހަމަވެފައެވެ.

ލުބުނާނަށް ކުރެއްވި ޒިޔާރަތުގައި ފަރަންސޭސިވިލާތުގެ ރައީސް މެޚްރޮންވަނީ ޙާދިޘާ ހިންގި ސަރަޙައްދަށް ވަޑައިގަންނަވައި ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފައެވެ. މެޚްރޮންވަނީ ލުބުނާނުގެ ރައްޔިތުންނަށް ހިތްވަރުދެއްވައި އެ ޤައުމަށް ފަރަންސޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ގޮވުންތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ޢާންމުންގެ ޝަކުވާތައް އޭނާ އަޑުއައްސަވާފައިވަނީ ލުބުނާނުގެ އެއްވެސް ރަސްމީ ފަރާތަކުން އެގޮތަށް ޢަމަލުކުރުމުގެ ކުރިންނެވެ.

ލުބުނާނުގެ ޢާންމުންގެ ގިނަ ބަޔަކުވަނީ ލުބުނާނުގެ ސަރުކާރާމެދު އެ މީހުންގެ ހިތުގައި އުފެދިފައިވާ ޝަކުވާ ރައީސް މެޚްރޮންއާ ޙިއްޞާކޮށްފައެވެ. އެތައް އަހަރެއް ވަންދެން ޢާންމުންނާމެދު ސަރުކާރުން ޢަމަލުކޮށްފައިވާ ނިކަމެތި ގޮތުގެ ވާހަކަތައްވަނީ މެޚްރޮންއަށް ކިޔައިދީފައެވެ. އެ ޝަކުވާތަކާ ގުޅޭގޮތުން މެޚްރޮން ވިދާޅުވީ އޭނާ ލުބުނާނަށް ވަޑައިގަތީ ސަރުކާރުގެ އިސްވެރިންނަށް އެހީތެރިވެވަޑައިގަތުމަށް ނޫންކަމަށާއި ޢާންމު ރައްޔިތުންނަށް އެހީތެރިވުމަށްކަމަށެވެ. އަދި އެހީގެ ގޮތުގައި ފޯރުކޮށްދޭ ފައިސާ ސީދާ ރައްޔިތުންނާ ހަމައަށް ފޯރާކަން ޔަޤީންކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލުބުނާނަށް ކުރެއްވި ޒިޔާރަތުގައި އެ ޤައުމުގެ އިސްވެރިންނާ މެޚްރޮންވަނީ ބައްދަލުކުރައްވައިފައެވެ. ލުބުނާނުގެ ސަރުކާރުން ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެ ބައްދަލުވުންތަކުގައި އޭނާވަނީ ފާހަގަކުރައްވާފައެވެ.

1920ވަނަ އަހަރާއި 1946ވަނަ އަހަރާ ދެމެދު ލުބުނާނު އޮތީ ފަރަންސޭސިވިލާތުގެ އިސްތިޢުމާރުގެ ދަށުގައެވެ.