ޚަބަރު

ބައިރޫތުގެ ގޮވުންތަކުގައި ގެއްލުނު މީހެއް 30 ގަޑިއިރު ފަހުން މޫދުން ނަގައިފި


ބައިރޫތުގައި ގޮވި ބާރުގަދަ ގޮވުންތަކުގައި ގެއްލުނު މީހަކު 30 ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.

އަމީން ޒާހިދަކީ ބައިރޫތުގެ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ބަނދަރު ކައިރީގައި ހުރި ގުދަން ގޮވުމުގެ ސަބަބުން އޭނާ ވިއްސައިގެންގޮސް، މޫދަށް ވެއްޓި، ގެއްލުނެވެ. ބޮޑެތި ޒަޚަމްތަކަކާއެކު ހޭނެތިފައި އޮއްވާ ޒާހިދު ފެނިފައިވަނީ އެ ހާދިޘާ ހިނގިތާ 30 ގަޑިއިރު ފަހުންނެވެ. އޭނާއަށް މިހާރު ދަނީ ހަސްފަތާލުން ފަރުވާ ދެމުންނެވެ.

އޮގަސްޓު 4ވަނަ ދުވަހު ހިންގި ހާދިޘާގައި 157 މީހުން މަރުވެ، 5،000 މީހުންވަނީ ޒަޚަމްވެފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ގިނަ އިރުތަކެއް ފަހުން ދިރިހުއްޓާ ޒާހިދު ފެނުމުން ގެއްލިފައިވާ ގިނަ މީހުން ފެނުމުގެ އުންމީދުވަނީ އައުވެފައެވެ.