ޚަބަރު

ހިޔާ ފްލެޓްތަކުގައި ހުރި ވިޔަފާރި ޖާގަތައް ވަރޗުއަލްކޮށް ބަލާލެވޭގޮތް ހަދަނީ


ހިޔާ ފްލެޓްތަގައި ހުރި ވިޔަފާރިއަށް ދޫކުރާ ކޮމާޝަލް ޔުނިޓްތައް ވަރޗުއަލްކޮށް ބަލާލެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިދިޔަ ޖުލައިމަހު 9 ވަނަ ދުވަހު ވަނީ، ހިޔާ ފްލެޓްތަކުގައި ހުރި ކޮމާޝަލް ޔުނިޓްތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް އޯޕަންޑޭއެއް ބޭއްވުމަށް ނިންމައި، ދާން ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓަރވުމަށް ހުޅުވާލިއެވެ.

ނަމަވެސް މިހާރު ފްލެޓްތަކަށް ގޮސް އޯޕަންޑޭ ނުބޭއްވުމަށް އެޗްޑީސީން ނިންމީ، ކޯވިޑް19އަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މީހުން އެއްވެ އުޅުން ވީހާވެސް މަދުކުރުމަށެވެ. އަދި ސައިޓަށް ޒިޔާރަތްކޮށްގެން ކޮމާޝަލް ޔުނިޓްތައް ނުބެލުނު ނަމަވެސް، ވަރޗުއަލްކޮށް ފްލެޓްތައް ބެލޭނެ ގޮތް ހަމަޖައްސާމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

"ވަރޗުއަލް ވޯކްތްރޫ"އެއްގެ ގޮތުގައި ހިޔާ ހައުސިންގ ޔުނިޓްގައި ހުރި ކޮމާޝަލް ޔުނިޓްތައް އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް އެޗްޑީސީން ބުނެއެވެ. މި މަސައްކަތަކީ އެތަންތަނުގައި ވިޔަފާރިތަށް ފެށުމަށް ބޭނުންވާ މީހުންނަށް ޖާގަތައް ދައްކާލުމަށް ހުޅުވާލާ ފުތުސަތެކެވެ.

ހިޔާ ހައުސިންގ ޔުނިޓްތަކުގެ ސްޓްރަލކްޗަރަލް ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްގެންދަނީ ފިނިޝިންގ މަސައްކަތްކަކެވެ. ހައުސިންގ މިނިސްޓްރީން މިހާރު ދަނީ ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށް، އެތަންތަން ބޭނުންކުރަން ފެށުމަށް މަސައްކަތްކުރަމުންނެވެ.