އެފުރިކާ ބައްރުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އެއް މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފުރިކާ ބައްރުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް ޞިއްހީ މާހިރުން ބުނެއެވެ. އެފުރިކާގައި ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު 3 މިލިއަނާއި 14 މިލިއަނަށް އަރާނެކަމަށް ޞިއްޙީ ބައެއް މާހިރުންވަނީ އަންދާޒާކޮށްފައެވެ.
54 ޤައުމު އޮންނަ އެފުރިކާގައި ބަލިޖެހިފައިވާ މީހުންގެ 75 އިންސައްތަ ޙިއްޞާކުރަނީ ދެކުނު އެފުރިކާއާއި މިޞްރާއި ނައިޖީރިޔާއާއި ގާނާއާއި އަލްޖަޒާއިރުންނެވެ. ކޯވިޑް-19ގެ ސަބަބުން އެފުރިކާގެ އެންމެ ކުރިއަރާފައިވާ ޤައުމުކަމަށްވާ ދެކުނު އެފުރިކާގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބަލި ޖެހިފައިވާ ބައި މިލިއަނަށްވުރެ ގިނަ މީހުންނާއެކު އެ ޤައުމު ފާހަގަވެފައިވަނީ ދުނިޔޭގައި ފަސްވަނައަށް އެންމެ ޙާލަތު ގޯސް ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެ ހަސްފަތާލުތައްވަނީ ފުރިފައެވެ. އެފުރިކާގެ ޤައުމުތަކުގެ ތެރެއިން ތަހުލީލުކުރުމާއި ތަފާސްހިސާބުތައް އެއްކުރުމުގައި އެންމެ ކުރީގައި އޮތް ދެކުނު އެފުރިކާގައި މަރުވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ ވަރަށް ބޮޑަށް އިތުރުވާނެކަމަށް ސައުތު އެފުރިކަން މެޑިކަލް ރިސަރޗު ކައުންސިލުން ނެރުނު ރިޕޯޓެއްގައިވަނީ ފާހަގަކޮށްފައެވެ.
އަންދާޒާކޮށްފައިވާ ޢަދަދުތަކާ އެއްވަރަށް އެފުރިކާގައި ކޯވިޑް-19 ނުފެތުރުނުނަމަވެސް އެ ޢަދަދަށް އެ ބައްރުގައި ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. ދުނިޔޭގެ އެންމެ ބަލިކަށި ޞިއްޙީ ނިޒާމު އޮންނަ އެފުރިކާގެ ބޮޑެތި ޤައުމުތަކުގެ މައި ސިޓީތަކުގެ އިތުރުން އެފުރިކާގެ އެކަހެރި ސަރަޙައްދުތަކަށް ކޯވިޑް-19ވަނީ ފޯރާފައެވެ. އެ ސަރަޙައްދުތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން އެފުރިކާގެ ޤައުމުތަކުންވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ސަރަޙައްދީ ރޮނގުތައް އަވަހަށް ބަންދުކުރުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރުވަނީ ގިނަ ޤައުމުތަކުގައި ދަށްވެފައެވެ. ބަލިމަޑުކަމުގެ ނުރައްކާ އަންދާޒާކުރުމަށްފަހު ތަހުލީލީ ސާމާނާއި ޞިއްޙީ ސާމާނު ހޯދުމަށް ޤައުމުތަކުންވަނީ ގުޅިގެން މަސައްކަތްކޮށްފައެވެ. އަދި ވެކްސިނެއް ތައްޔާރުވުމުން ހުރިހާ ޤައުމަކަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ގޮތް ހަމަޖެއްސުމަށް އެފުރިކާގެ ޤައުމުތަކުންވަނީ ގޮވާލައިފައެވެ.
އެފުރިކާގައި އެންމެ ފުރަތަމަ ބަލި ފެތުރެން ފެށުނު ދުވަސްވަރު ކޯވިޑް-19އަށް ތަހުލީލުކުރުމުގެ ޤާބިލުކަން އޮތީ އެންމެ ދެ ޤައުމުގައެވެ. ތަހުލީލުކުރުމުގެ ޤާބިލުކަން ހުރިހާ ޤައުމަކަށް މިހާރު ލިބިފައިވީނަމަވެސް އެ ޤައުމުތަކުގައި ހުރި ވަޞީލަތްތައް އަދިވެސް ވަރަށް މަދެވެ. ބައެއް ޤައުމުތަކުގައި ހުރީ ތަހުލީލުކުރަން ބޭނުންކުރާ އެންމެ މެޝިނެކެވެ. ދެކުނު އެފުރިކާފަދަ ބޮޑެތި ޤައުމުތަކުގައި ތަހުލީލުކުރާ މިންވަރު އެހެން ޤައުމުތަކަށްވުރެ އިތުރުނަމަވެސް އެ ޤައުމުގައި ކުރާ ތަހުލީލުތަކުގެ ނަތީޖާ ލިބުމަށް ބައެއް ފަހަރު އެއް ހަފުތާއަށްވުރެ ގިނަ ދުވަސް ނަގައެވެ.